ބައިނަލްއަގުވާމީ މީޑިއާތަކާ ބައްދަލުކޮށް، ދިވެހި ފުލުހުންނާ ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކެއް ކުށްވެރިކޮށް، ފުލުހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިއަދު މެންދުރުފަހު އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ބްރީފިިންގައި ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވަނީ ނޫސްވެރިންނަށް ރައީސް ނަޝީދު ދެއްވި އިންޓިވިއުގެ ކުރު ވީޑިއޯއެއް ދައްކައިދެއްވައިފައެވެ. އެ ވީޑިއޯގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ފުލުހުންގެ ޔުނިފޯމުގައި ފުލުހުން ނޫން މީހުން ވެސް ފެންނަ ކަމަށާއި އެހެންވުމުން އަސްލު ފުލުހުން ވަކިކުރަން ނޭނގޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ހަމަ ސުވާލު އުފެދޭ މިއީތޯ ދާހިލީ ހަމަޖެހުން ގާއިމް ކުރުމަށްޓަކައި ގާނޫނީގޮތުން އުފެދިފައިވާ އެންމެ ބޮޑު މުއައްސަސާއަށް ލިބެންވާ ފުރިހަމަ އިހުތިރާމަކީ. މިއީތޯ ދިވެހި ފުލުހުންނަށް ލިބެންވާ އެކަށީގެންވާ މިންވަރަކީ. އަޅުގަނޑުމެން ފުލުހުން މިއަދު މިކަންކަމާ ބެހޭގޮތުން ސުވާލު އުފައްދާ. މިއީ ވަރަށް ހިތާމަވެރިކަމެއް. މިއީ ފުލުހުން ވަރަށް ކަންބޮޑުވާ ކަމެއް،" ޝިފާން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ ފުލުހުން އަބަދުވެސް ޔަގީންކުރަނީ ފުލުހުންގެ ކޮލިފައިޑް އޮފިސަރުން ފިޔަވާ އިތުރު އެއްވެސް ފަރާތަކުން ފުލުހުންގެ ޔުނީފޯމުގައި މަސައްކަތް ނުކުރާނެ ކަމަށާއި ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން މަސައްކަތްކުރާ ދަނޑިވަޅެއްގައި ރައީސްކަން ކުރައްވާ ފަރާތްތަކުން އެފަދަ މޭރުމަކުން ވާހަކަދެއްކުމަކީ ފުލުހުން މިއަދު ކަންބޮޑުވާ ކަމެއް ކަމަށެވެ.
"މިފަދަ ކަންކަން ސިޔާސީ އެއްވެސް ފަރާތަކުން ތަކުރާރު ނުކުރުމަށް އިލްތިމާސްކުރަން. މިފަދަ ކަންކަމުގެ ސަބަބުން މީގެ ކުރިން ވެސް ފުލުހުންނާ މެދު އެކި ފަރާތްތަކުން ވަނީ ރުޅިވެރިކަން އިތުރުކޮށް، ނުވަތަ ރުޅިވެރި ބަސްތައް ބޭނުންކޮށް އެކި ކަންކަން ހިންގާފައި. އަދި މިކަންކަމަށް ބައެއް ފަރާތްތަކަށް ހިތްވަރުދީފަ،" ޝިފާން ވިދާޅުވިއެވެ.
ޝިފާން އިތުރަށް ވިދާޅުވީ ފުލުހުންނަކީ ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ ބައެއް ކަމަށާއި ފުލުހުންނާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ނުދެއްކި އިލްތިމާސްކުރާ ކަމަށެވެ.