ދެކުނު އެމެރިކާ ފުޓްބޯޅައިގެ މައި އިދާރާ ކޮންމެބޯލްއާ ގުޅޭގޮތުން އާޖެންޓީނާ ގައުމީ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ދެއްކި ވާހަކަތަކާ ގުޅިގެން ތިން މަހަށް ގައުމީ ޓީމުގެ މެޗުތަކުގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑުކޮށްފިއެވެ.
ދާދި ފަހުން ނިމިގެންދިޔަ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތެރެއިން މެސީ ވަނީ ކޮންމެބޯލްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން ކޮންމެބޯލްގައި ކޮރަޕްޝަން އޮތް ކަމަށާއި އެ އިދާރާއިން މަސައްކަތްކުރަނީ ބްރެޒިލަށް މުބާރާތް ކާމިޔާބުކޮށްދޭން ކަމަށް މެސީ ވަނީ ބުނެފައެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ މެސީ ތިން މަހަށް ސަސްޕެންޑުކުރުމާއެކު އޭނާއަށް ގެއްލޭނީ ކުރިއަށް އޮތް ތިން މަހު އާޖެންޓީނާ ކުޅޭ އެކުވެރިކަމުގެ ތިން މެޗެކެވެ. އެއީ ޗިލީ، މެކްސިކޯ އަދި ޖަރުމަނާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗުތަކެވެ.
ތިން މަހުގެ ސަސްޕެންޝަނާއެކު އެ މައްސަލައިގައި މެސީ ވަނީ 50،000 ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފައެވެ.
ކޮންމެބޯލްގައި ކޮރަޕްޝަން އޮތް ކަމަށް ދެއްކި ވާހަކައަށް މެސީ ފަހުން މައާފަށް އެދުނު ނަމަވެސް، އެ އިދާރާއިން ނިންމީ އެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.