އަހްމަދު އަދީބު އަބްދުލްގަފޫރު

ހިމާޔަތް ނުދޭން ނިންމައި، ޓަގުބޯޓާއި ފަޅުވެރީންނާ ވެސް އެކު އަދީބު ދިވެހި ސެކިއުރިޓީއާ ހަވާލުކޮށްފި

ހިމާޔަތް ނުދޭން ނިންމައި، އިންޑިއާއަށް އެތެރެވާން އުޅުނު ޓަގުގައި އަދީބު ދިވެހިރާއްޖެއަށް ފޮނުވާލައިފި އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަދީބު އިންޑިއާއިން ޑީޕޯޓުކޮށްލަން އެ ގައުމުން ވަނީ ނިންމައިފަ އެވެ. އެހެން ކަމުން ޑީޕޯޓު ކުރި ކުރުން އުވާ ނުލައިފި ނަމަ، އަދީބަށް ފަހުން ވެސް އިންޑިއާ އަކަށް ނުދެވޭނެ އެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަދީބާ ހަވާލުވުމަށް ރޭ ދަންވަރުގެ ވަގުތެއްގައި ދިވެހި ސެކިއުރިޓީ ޓީމަކުން ވަނީ ގޮސްފަ އެވެ. އަދި ބަލާން ޖެހޭ ކަންކަން ބެލުމަށް ފަހު، ދިވެހި ސެކިއުރިޓީން އަދީބާ ހަވާލުވީ ރޭ ދަންވަރު 01:00 އެހާ އިރު ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އަދީބު އިންޑިއާގެ ޓުއްޓުކޮރިން އަށް އެތެރެވާން އުޅުނު، ޓަގު ބޯޓުގައި، އޭނާ އަނބުރާ ރާއްޖެއަށް ފުރުވާލާފައި ވަނީ ރާއްޖޭ ސެކިއުރިޓީންގެ ހަވާލުގައި ކަމަށް ވެސް އިންޑިއާގެ މީޑިއާތަކުން ބުނެ އެވެ.

އިންޑިއާއަށް ދިޔަ ޓަގުގައި އަދީބު ރާއްޖެއަށް ފޮނުވާލާފައިވާ އިރު، އެ ޓަގުގައި ދަތުރުކުރި ހުރިހާ ފަޅުވެރީން ވެސް ރާއްޖެއަށް އަންނާނެ އެވެ.

އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ މީޑިއާއިން ބުނެފައިވާ ގޮތުގައި، އެ ފަޅުވެރީން ރާއްޖެއަށް ފޮނުވައިލީ ރާއްޖޭން ކުރިޔަށް ގެންދާ ތަހުގީގުގެ ބޭނުމަށެވެ.

"އަދީބު ރާއްޖޭން ބޭރަށް ފުރުން މަނާކޮށް ސުޕްރީމް ކޯޓުން އޭނާގެ ޕާސްޕޯޓު އޮތީ ހިފަހައްޓާފައި ކަމަށް ރާއްޖޭގެ ފުލުހުން ބުނޭ. އަދި އޭނާ ގެ ތަހުގީގުތަކެއް ވެސް ކުރިޔަށްދާ ކަމަށާއި އަދީބު ފިލުވަން މަސައްކަތް ކުރި އެންމެންނާ މެދު ތަހުގީގު ހިންގައި ފިޔަވަޅު އަޅާނެ ކަމަށް ވެސް ދިވެހި ފުލުހުން ބުނޭ. އެހެންވީމަ ފަޅުވެރީން ރާއްޖެއަށް ފޮނުވައިލަނީ އެ ތަހުގީގުގެ ބޭނުމަށް. އެ ފަޅުވެރީން އިންޑިއާއަށް އެތެރެވުމުގައި މައްސަލައެއް ނެތް." އިންޑިއާގެ ނޫހަކުން ބުނެފައިވެ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަދީބުގެ އިތުރުން އެ ޓަގު ބޯޓުން ދަތުރުކުރި ފަޅުވެރީންނާ އެކު ޓަގު ބޯޓު ދިވެހި ސެކިއުރިޓީ އޮފިޝަލުންނާ ހަވާލުރީ އިންޓަނޭޝަނަލް މެރިޓައިމް ބައުންޑަރީ ލައިނާ ހިސާބުންނެވެ.

އިންޑިއާއިން އަދީބު ޑީޕޯޓުކޮށް، ޓަގާއި ފަޅުވެރީންނާ ވެސް އެކު ރާއްޖެއާ މި ހަވާލުކުރީ، އިންޓަނޭޝަނަލް ޖަސްޓިސް ޗޭމްބާސް އިން ނެރެފައިވާ ބަޔާނެއްގައި، ސިޔާސީ ހިމާޔަތް ހޯދުމަށް އަދީބު އެދިފައިވާ ކަމަށް ބުނެފައިވަނިކޮށެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ރަނގަޅު ގުޅުމެއް އޮތް ނަމަވެސް، އަދީބު އެދިވަޑައިގެންފައިވާ ގޮތަށް ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާގޮތުގެ މަތީން އޭނާއަށް ހިމާޔަތް ދިނުމަށް އިންޑިއާއަށް ގޮވާލާ ކަމަށާއި އަދީބު ރާއްޖެ ދޫކޮށް ގޮސްފައިވަނީ އިންޑިއާގެ ހިމާޔަތަށް ކަމަށް ވެސް އިންޓަނޭޝަނަލް ޖަސްޓިސް ޗޭމްބާސް އިން ބުނެފައިވެ އެވެ.

"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި، ޓަގު ބޯޓުން އަދީބު އަތުލައިގަތީއްސުރެ، ރޭ ދަންވަރު ދިވެހި ސެކިއުރިޓީއާ އޭނާ ހަވާލުރުމާ ހަމަޔަށް ވެސް އޭނާ ބަހައްޓާފައި ހުރީ އެ ޓަގު ބޯޓުގަ އެވެ. އިންޑިއާގެ ހަތިޔާރު އެޅި ސިފައިން އަދި ކަމާ ގުޅުން ހުރި އެހެން ފަރާތްތަކުން ދިޔައީ އެ ޓަގު ބޯޓުގެ ވަށައިގެން ސެކިއުރިޓީ ބަލަހައްޓަމުންނެވެ.

އަދީބު ރާއްޖެއާ ހަވާލުކޮށްފައިވާ ކަމަށް، އިންޑިއާގެ ރަސްމީ ފަރާތްތަކާ ހަވާލާދީ އިންޑިއާގެ ބޮޑެތި ހުރިހާ ނޫސްތަކުން ރިޕޯޓުކޮށްފައިވާ އިރު، ދިވެހި ފުލުހުން ނުވަތަ ސިފައިން މިކަމާ ގުޅޭ ގޮތުން އަދިވެސް އެއްވެސް ކޮމެންޓެއް ނުކުރެ އެވެ. އެމްއެންޑީއެފްގެ ކަމާ ބެހޭ ބޭފުޅުން ފޯނެއް ނުނަންގަވަ އެވެ. އަދި މެސެޖަށް ޖަވާބެއް ނުދެއްވަ އެވެ.

އަދީބު އިންޑިއާއަށް އެތެރެވާން އުޅުމުން އެ ގައުމުން އޭނާ ހައްޔަރުކުރި މައްސަލައިގައި، ވެސް ދިވެހި ފުލުހުންނާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެއްވެސް ކޮމެންޓެއް ދީފައެއް ނުވެ އެވެ. ފުލުހުން ބުނީ ފޮރިން މިނިސްޓްރީން ޗެކު ކުރުމަށެވެ. ފޮރިން މިނިސްޓްރީން އެހީ ފުލުހުންނާ ސުވާލު ކުރިންތޯ އެވެ. އެންމެ ފަހުން އެކަމާ ގުޅޭ ބަޔާނެއް ފުލުހުން ނެރުނީ އިންޑިއާގެ މީޑިއާތަކުން އެ ހަބަރު ޖަހައި ދިވެހި މީޑިއާތަކުން ވެސް އެ ހަބަރު ޖެހިތާ އެތައް ގަޑިއިރެއް ފަހުންނެވެ.