ހުތުބާ

އަބަދަށް ދެމިގެންދާ އަދި ހަގީގީ ހަޔާތަކީ އުޚުރަވީ ހަޔާތް: ހުތުބާ

މި ދުނިޔޭގެ ހަޔާތަކީ ވަގުތީ ތަނެއް ކަމަށާއި އަބަދަށް ދެމިގެންދާ އަދި ހަގީގީ ހަޔާތަކީ އުޚުރަވީ ހަޔާތް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ދުނިޔެއަކީ ވާދަވެރި ތަނެއް ކަމަށާއި އެއީ ހައްގާއި ބާތިލުގެ ވާދަވެރިކަން ކަމަށެވެ. އަދި މުއުމިނުންނާއި ފާޖިރުން އިމްތިހާނު ކުރުމަށް ލައްވަވާފައިވާ ތަނަކީ ދުނިޔެ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"ދުނިޔެއަކީ ރަނގަޅު މީހުންނާއި ނުބައި މީހުން އިމްތިހާނު ކުރައްވާ ތަނެވެ. ދުނިޔެއަކީ ހަލާކުވެ، ނެތިވެ، ފަނާވެ ދަނިވި ގޯއްޗެވެ. ދެމިއޮންނާނީ އާހިރަތުގެ ގޯއްޗެވެ. ދުނިޔޭގެ ހަގީގަތާ މެދު މުސްލިމުން ނޫން އެހެން ބައެއް ފަރާތްތަކުން އިންކާރު ކުރަނީ މިދެންނެވި ސަބަބާ ހުރެއެވެ. އެފަދަ މީހުން އިންކާރުކުރަނީ ދުނިޔޭގެ ނިއުމަތް ފަނާވެ ގޮސް، ދެމިގެންވާ އާޚިރަތުގެ ހަޔާތާ މެދުއެވެ. ނުވަތަ އުޚުރަވީ ހަޔާތް ބާއްޖަވެރި ކުރުމަށް އަމަލު ކުރުމާ މެދުއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ އެމީހުން ބުނެއުޅެނީ ދުނިޔެއަކީ ދުވާލުގެ އަލިކަމާއި ރޭގަނޑުގެ އަނދިރިކަން ނުވަތަ ދުނިޔެއަކީ ބާރާއި މުދަލާއި ޖާހުވެރިކަން ކަމަށެވެ. އަދި ދުނިޔެއަކީ ހަޔާތެއް ކަމުގައި މާތް ﷲ އަންގަވަނީ އެހެންވެ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"އެހެންވެ ދުނިޔެ ފަނާވެދާތީ ދުނިޔެއަކީ ފަނާވެދާ ތަނެއްކަން އެންގެވި ފަދައިން އާޚިރަތުގެ ހަޔާތް ދެމިގެންދާތީ އާޚިރަތަކީ އަބަދަށް ދެމިގެންވާ ތަނެއް ކަމުގައި އެންގެވިއެވެ. ނެތިވެ ފަނާވެދާ ހުރިހާ އެއްޗަކާއި ކަމަކީ ދުނިޔެވީ ކަންކަމެވެ. މީހެއްގެ މުދާވެރިކަން ގެއްލި އޭނާގެ ޖާހު ގެއްލިއްޖެ ނަމަ، އޭނާގެ ދުނިޔެ ދިޔައީއެވެ. މީހަކު މަރުވެއްޖެ ނަމަ، އޭނާގެ ދިރިއުޅުން ނިމި ދިޔައީއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުކުރު ހުތުބާގައި ބުނެފައިވަނީ އިންސާނާގެ ދުނިޔަވީ ހަޔާތް މާތް ﷲ ލައްވާފައިވަނީ އޭނާގެ އުޚުރަވީ ހަޔާތަށްޓަކައި ގޮވާންކުރާ ދަނޑު ބިމެއްގެ ގޮތުގައި ކަމަށާއި އެ ބިމުގައި އޭނާ ރަނގަޅަށް ގޮވާން ނުކޮށްފި ނަމަ އޭނާގެ ވެރި ރަސްކަލާންގެ ހަޟްރަތަށް އޭނާ ދާނީ ހުސްއަތާ ކަމަށެވެ. އަދި ބުއްދިވެރިޔަކީ އުޚުރަވީ ހަޔާތް އަބަދުމެ ހިތް މައްޗަށް ގެނެސް، ލިބިފައިވާ ހަޔާތުގެ ބޭނުން ހެޔޮގޮތުގައި ހިފާ މީހާ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.