އަންހެނުން ބާރުވެރިކުރުވުމަށް ސައުދީ އަރަބިއްޔާ އިން ނިންމި ނިންމުމަށް ރާއްޖޭގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މަރުހަބާ ވިދާޅުވެއްޖެއެވެ.
އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން ސައުދީ އިން އިއްޔެ ނިންމި ނިންމުމާ ގުޅިގެން ޝިދާތާ ކުރެއްވި ޓުވީޓެއްގައި އެއީ ތާރީހީ ނިންމުމެއްކަން ފާހަގަކުރައްވާފައިވެއެވެ.
ޝިދާތާ ވަނީ އެ ނިންމުން ފާހަގަކުރައްވައި، އެގައުމުގެ ލޭބާ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓަރު އަހްމަދު ބިން ސަލްމާން އަލްރާޖްހީއަށް މަރުހަބާ ދަންނަވައިފައެވެ.
އިއްޔެ ސައުދީ އިން ނެރުނު ޝާހީ ގަރާރެއްގައިވާ ގޮތުން އުމުރުން 21 އަހަރުން މަތީގެ ކޮންމެ އަންހެނަކަށް ވެސް ފިރިހެން ބެލެނިވެރިއެއްގެ ހުއްދައާ ނުލައި ވެސް ޕާސްޕޯޓަށް އެދި ހުށަހެޅޭނެއެވެ. ސައުދީ އަންހެނުންނަށް ކުރިން ދަތުރުކުރެވެނީ މަހުރަމަކާއެކުއެވެ. ނަމަވެސް އިއްޔެގެ ނިންމުމާ ގުޅިގެން މިހާރު ފިރިހެނުންނެކޭ އެއްގޮތަށް ސައުދީ އަންހެނުންނަށް ވެސް ޕާސްޕޯޓަށް އެދި ހުށަހަޅައި އަދި މަހުރަމަކާ ނުލައި ދަތުރުކުރެވޭނެއެވެ.
ސައުދީގެ ގަރާރުގައިވާ ގޮތުން އެގައުމުގެ ހުރިހާ ރައްޔިތުންނަށް ވެސް ޖިންސުގެ ތަފާތު ކުރުމެއް، އުމުރުގެ ތަފާތު ކުރުމެއް އަދި ނުކުޅެދުންތެރިކަމުގެ ތަފާތު ކުރުމެއް ނެތި ވަޒީފާ އަދާކުރުމުގެ ހައްގު ލިބިގެންވެއެވެ.