ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަތުގައި ސައްހަ ލިޔެކިޔުމެއް ނޯންނާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް ކަނޑުމަގުން އަދީބު އިއްޔެ ފިލީ ޓަގް ބޯޓަކަށް އަރައިގެންނެވެ. އޭނާ ކަނޑުމަގުން އިންޑިއާއަށް އެތެރެވުމުން އެގައުމުގެ ކަމާބެހޭ ފަރާތްތަކުން އޭނާއާ ސުވާލު ކުރަމުން އަންނަ ކަމަށާއި އަދިވެސް އޭނާ ހުރީ ޓަގު ބޯޓުގައި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައިވެއެވެ.
ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ ސައްހަ ލިޔެކިޔުންތައް އަދީބު އަތުގައި އޮންނަ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް ރައްދުދެމުން އިމިގްރޭޝަނުން ކުރި ޓުވީޓެއްގައި ބުނީ އެއީ ދޮގު ވާހަކަތަކެއް ކަމަށާއި އޭނާ އަތުގައި އެފަދަ އެއްވެސް ލިޔެކިޔުމެއް ނޯންނާނެ ކަމަށެވެ.
ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވޭ އަދީބުގެ ޕާސްޕޯޓު ހިފަހައްޓަން ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވާކަން ފާހަގަކުރަމުން އިމިގްރޭޝަނުން ބުނެފައިވަނީ އޭގެ ފަހުން އޭނާއަށް ދަތުރުކުރުމުގެ ލިޔެކިޔުމެއް ދޫކޮށްފައިނުވާނެ ކަމަށެވެ.
އަދީބު ފިލުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ އިރު، ފުލުހުން ބުނީ އޭނާ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭނާ ފިލުވުމުގައި ބައިވެރިވެ، އެކަމަށް އެހީތެރިވި ފަރާތްތަކަށް ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށެވެ.
ކުރީގެ ނައިބު ރައީސް އަދީބު ވަނީ އިންޑިއާގެ ހިމާޔަތަށް ވެސް އެދިފައެވެ.