ޝެއިޚް އިމްރާން

އަޅުގަނޑު މިނިވަންވާނީ އަޅުގަނޑާއެކު ހައްޔަރުކުރި އެންމެން މިނިވަންކުރެވުނު ދުވަހަކުން: އިމްރާން

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ މިނިވަންވާނީ 2015ގެ މެއި އެކެއްގައި ހައްޔަރުކުރި އެންމެން މިނިވަންކުރެވުނު ދުވަހަކުން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ އޭނާ އަދި މިނިވަންނުވާ ކަމަށާއި 2015ގެ މެއި އެކެއްގައި ހައްޔަރުކުރި އެންމެން މިނިވަންކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

"އަޅުގަނޑު އަދި މިނިވަނެއް ނުވޭ. އަޅުގަނޑު މިނިވަންވާނީ މެއި އެކެއްގައި އަޅުގަނޑާއެކު ޖަލަށްލެވުނު ހުރިހާ އެންމެން މިނިވަން ކުރެވުނު ދުވަހަކުން. އެހެންނަމަވެސް އަޅުގަނޑު މިއަދު އަނެއްކާވެސް މަސައްކަތް މިފަށަނީ ޖަލުން ނުކުމެވުނު ހިނދު އެބޭފުޅުން މިނިވަންކުރުމުގެ މަސައްކަތް. އަޅުގަނޑު އިރާދަކުރެއްވިއްޔާ މެއި އެކެއްގައި ޖަލަށް ލެވުނު ހުރިހާ ބޭފުޅުން ޖަލުން މިނިވަން ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރިއަށްއޮތް ދުވަސްތަކުގައި ކުރާނަން،" އޭނާ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ 2015ގެ މެއި އެކަކަށްފަހު ކުރިމަތިވެގެންދިޔަ ބިރުވެރި އަދި އުނދަގޫ ދުވަސްތައް ސިފަކުރުމަކީ ދުލާއި ގަލަމުން ސިފަކުރެވޭނެ ދުވަސްތަކެއް ނޫން ކަމަށާއި އެ ދުވަހަށްފަހު ވެސް އެކި ދުވަސްތަކުގެ މަތިން އެތައް ބަޔަކު ޖަލަށް ލަމުން ދިޔަ ކަމަށެވެ.

"މިގޮތަށް ދިޔަ ކަމުގައިވީ ނަމަވެސް، ދިވެހި ރައްޔިތުން މާޔޫސްއެއް ނުވޭ. އުންމީދު ކަނޑައެއް ނުލާ. ދިވެހިރައްޔިތުން އެބައިމީހުންގެ ހައްގުތައް ހޯދުމުގައި ސާބިތުކަމާއެކުގައި ދެމިތިބި. އަޅުގަނޑުމެންނަށް މި ހުރިހާ މަސައްކަތެއް ނިމިގެންދިޔައީ 23 ސެޕްޓެމްބަރުގައި. އެ ދުވަހު އަޅުގަނޑުމެންގެ ރާއްޖެ މިވަނީ މުޅިން އާ ސަފްހާއަކަށް ހުޅުވާލެވިފައި،" އޭނާ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އަދާލަތު ޕާޓީގެ އެންމެ އިސް ވާޖިބަކަށް ވާނީ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ފަސް އަހަރަށް ދެމެހެއްޓުމަށް މަސައްކަތްކުރުން ކަމަށާއި އެ ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އަދާލަތު ޕާޓީއަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށެވެ.

"އަޅުގަނޑު ހިތުން މިކަމަކީ ގުޅިފައިވާ ހުރިހާ ޕާޓީތަކެއްގެ އަމާޒުކަމުގައި ވާނެ ކަން ޔަގީން. އެހެންކަމުން ހުރިހާ ޕާޓީތަކުގެ ލީޑަޝިޕުންނާއި ހުރިހާ ޕާޓީތަކުގެ މެމްބަރުންނާއި އަދި އަޅުގަނޑުމެންނަށް ވޯޓުދިން ޕާޓީތަކުގައި ނުހިމެނޭ މެމްބަރުންގެ ކިބައިން ވެސް އަޅުގަނޑު މި ދަނޑިވަޅުގައި އެދޭނީ ރައްޔިތުން އެދޭ ފަދަ އުންމީދީ ފަސް އަހަރަށް ހެދުމަށް މަސައްކަތްކޮށްދިނުން،" އޭނާ ވިދާޅުވިއެވެ.

އިމްރާންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި 12 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ވަނީ މިއަދު އަމުރުކޮށްފައެވެ. އިމްރާންގެ މައްޗަށް އެ ޖަލު ހުކުމް އިއްވީ 2015 ވަނަ އަހަރު މާލޭގައި ބޭއްވި މޭޑޭ މުޒާހަރާގައި ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަވައިފައިވާ ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާ ސާބިތުވެގެންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމުން އިއްޔެ ބޭއްވި ހަރަކާތުގައި ވެސް އިމްރާން ބައިވެރިވެ ވަޑައިގެންނެވިއެވެ.