ރާއްޖެއަށް ކުރިމަތިވި ބިރުވެރި އަދި ނާމާން ކަންތައްތަކުން ސަލާމަތްވީ ދިވެހި ރައްޔިތުންގެ ހިތްވަރުގަދަ ނަމޫނާގެ ސަބަބުން ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމްރާން ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ ނިކަމެތި އަދި ރާއްޖޭގައި ފެތުރި އާންމުވެގެންދިޔަ ކޮރަޕްޝަނާއި، ފަސާދައާއި، ވައްކަމާއި، ނުރައްކާތެރި ހާލަތުން ރާއްޖެ ސަލާމަތެވެގެންދިޔައީ ދިވެހި ރައްޔިތުންގެ ސަބަބުން ކަމަށެވެ.
"ދިވެހި ރާއްޖޭގެ ރައްޔިތުން މިދިޔަ އުނދަގޫ މުއްދަތުގައި ދައްކައިދިނީ ވަރަށް ފުރިހަމަ، ހިތްވަރުގަދަ ނަމޫނާއެއް. ދިވެހި ރައްޔިތުންނަކީ ވަރަށް ސާބިތު، ކެތްތެރި ބައެއް، ހިތްވަރު ހުރި ބައެއް، އެކުވެރި ބައެއް. ދިވެހި ރައްޔިތުންނަކީ މިފަދަ ހާލަތުން ގައުމު ސަލާމަތްކުރުމުގައި ނަމޫނާ ބައެއް. އެހެންކަމުން ގައުމު ސަލާމަތުން އަނބުރާ އަތުގައި ޖެހިފަ މިއޮތީ ދިވެހި ރައްޔިތުންގެ ސާބިތުކަމާއި ހިތްވަރުން. އެކަމަށްޓަކައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ އަމިއްލަ ނަމުގައާއި އަދާލަތު ޕާޓީގެ ނަމުގައި ފަށްފަށުން ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ކުރިމަތިވެގެން ދިޔަ ކަންކަމުގައި ހިތްވަރު ލިބިގެންދިޔައީ އޭނާގެ އާއިލާއާއި ހާއްސަގޮތެއްގައި އަންހެނުންނާއި ދަރިންގެ ހިތްވަރުން ކަމަށެވެ.
"މިވޭތުވެދިޔަ ތިން އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި އަޅުގަނޑަށް ކުރިމަތިވެގެން މިދިޔަ ކަންކަމުގައި އަޅުގަނޑަށް ހިތްވަރު ލިބިގެންދިޔައީ އަޅުގަނޑުގެ އާއިލާގެ ސަބަބުން. އަޅުގަނޑުގެ ލޮބުވެތި އަންހެނުންނާއި އަޅުގަނޑުގެ ދަރިންގެ ހިތްވަރުގެ ސަބަބުން. އަޅުގަނޑުގެ މަންމައާއި ބައްޕަ އަދި އަޅުގަނޑުގެ ކޮއްކޮމެންގެ ހިތްވަރުގެ ސަބަބުން،" އޭނާ ވިދާޅުވިއެވެ.
އިމްރާން ބުނީ އެމީހުންގެ ފަރާތުން ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އެއްބާރުލުން ނުލިބުނު ނަމަ، ސާބިތުވެ ހުރުމަކީ ދަތިކަމަކަށް ވެގެންދިޔައީސް ކަމަށާއި އެކަމަށްޓަކައި އާއިލާގެ މެމްބަރުންނަށްޓަކައި ހާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ.
އިމްރާންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި 12 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން ވަނީ މިއަދު އަމުރުކޮށްފައެވެ. އިމްރާންގެ މައްޗަށް އެ ޖަލު ހުކުމެއް އިއްވީ 2015 ވަނަ އަހަރު މާލޭގައި ބޭއްވި މޭޑޭ މުޒާހަރާގައި ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަވައިފައިވާ ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާ ސާބިތުވެގެންނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމުން މިއަދު ބޭއްވި ހަރަކާތުގައި ވެސް އިމްރާން ބައިވެރިވެ ވަޑައިގެންނެވިއެވެ.