އިދިކޮޅުގައި ތިބެގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައީ ޒިންމާދާރު ކަމާއެކުގައި ކަމަށާއި އެކަން މިފަހަރު ވެސް ކުރާނީ އެގޮތަށް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
"ކޮބާ ނުވިއެއްނު"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވިލް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނަކީ ޒިންމާދާރު ކަމާއެކު އިދިކޮޅުގައި ތިބެން އެނގޭ ގާނޫނާއި ގަވާއިދަށް އިހްތިރާމް ކުރާ ގައުމާއި ސުލްހަވެރިކަމަށް ލޯބިކުރާ ބައެއް ކަމަށެވެ.
"މީގެ ކުރީގައި ވެސް އިދިކޮޅުގައި ތިބެގެން ޒިންމާދާރު ކަމާއެކީގައި އެމްޑީޕީގެ ސަރުކާރެއް ނިމުމަކަށް ގެނައީމޭ. ގާނޫނީ އިމުގެ ތެރެއިން އެކަން ކުރީ. މިފަހަރު ވެސް ޒިންމާދާރު ކަމާއެކީގައި މިކަން ކުރަމުން ގެންދާނީ. އަޅުގަނޑުމެން ލައްވާ އަތްފައިން ގޯސް ހައްދަވަން އުޅޭނެ ކަމެއް ނެތް. އެކަމެއް ނުވެސް ކުރާނަން،" އަދުރޭ ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން އޭނާ ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގައުމަށް އެއްވެސް ކަމެއް ކުރެވިފައި ނުވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ވެރިކަމާއެކު ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ދިނުމުން ވެސް ގައުމު ތަރައްގީ ނުކުރެވޭތީ، ވެރިކަމުން ފައިބައިގެން ދިއުމަށް އަދުރޭ ގޮވާލެއްވިއެވެ.
އަދި ވިދާޅުވީ، ޕްރޮގްރެސިވް ކޯލިޝަނަކީ ތަރައްގީ ދަންނަ މީހުން ކަމަށާއި ހުރީ ވެސް އެ ވިސްނުން ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާބިލް ކަމަކީ ރައްޔިތުން ތަޖުރިބާކުރި ކަމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.