މި ސަރުކާރު ވެރިކަމަށް އައި ފަހުން ކަމެއް ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށާއި އެހެންކަމުން ނުވިއޭ ކިޔާފައި އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޮވާލައްވައިފިއެވެ.
"ކޮބާ ނުވިއެއްނު"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވިލް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރު އައި ފަހުން ރާއްޖޭގެ އިގްތިސާދީ ދުވެލި ދަށްވެ އެއްވެސް އިންވެސްޓްމަންޓެއް ވެސް ނާންނަ ކަމަށެވެ.
އަދި ރައްޔިތުންގެ ޖީބުތައް މުއްސަނދި ނުކުރެވުނު ތަނުގައި ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" އޭ ވިދާޅުވާ ސަރުކާރަށް ކޮރަޕްޝަން ހުއްޓުވާނެ ގޮތެއް ވެސް ނޭނގޭ ކަމަށާއި ދުވަސްވީ މީހުންނަށް އިނާޔަތާއި ސަރުކާރު މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ވެސް މި ސަރުކާރުގައި މިއަދު ނެތް ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައިފަހުން އޮޅުވާލުމާއި މަކަރު ހެދުމާއި ދޮގު ހެދުން ފިޔަވައި ކުރި ކަމެއް ނެތް ކަމަށާއި ދެން ކުރިހާ ވެސް ކަމަކީ ހުރިހާ މުއައްސަސާތައް ސިޔާސީ ކުރުން ކަމަށެވެ.
އަދި މި ސަރުކާރަށް އެއްވެސް ކަމެއް ނުވިތަނުގައި ނުވެސް ވާނެކަމަށާއި އެ އުސޫލަކީ ރައްޔިތުން މާ ގިނަ ދުވަހު ކެތް ކުރާނެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"... އަހަންނަށް މިކަމެއް ނުވިއޭ ކިޔާފައި ދުރަށް ދާން ވެއްޖެ އެއްނު. ޅިޔަނުންނާއި ފަހަރިންނާ ތަންތަނަށް ލައިގެން ވެސް މިވަރު ނުފުއްދުނީމަ ދެން އެހިސާބުން ގަބޫލު ކުރަންވާނެ ތިމަން ފަކީރަކަށް މިކަމެއް ނުކުރެވުނޭ. އެ ހިސާބުން ދުރަށް ދިއުން މާ ރަނގަޅުވާނެ. އެއީ ނޫންތޯ އެންމެ އައުލާކަން ބޮޑު ގޮތަކީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި އެމްޑީޕީއަށް ނިސްބަތް ކުރައްވާ އެމަނިކުފާނު ވަނީ ވެރިކަމުގެ ދައުރެއް ފުރިހަމަ ނުކޮށް ފައިބައިގެން ދިއުމަކީ އެމްޑީޕީ ސަރުކާރުތަކަށް އާ ކަމެއް ނޫން ކަމަށެވެ.