އިހުލާސްތެރިކަމާއެކު ގާނޫނު އަސާސީއާ އެއްގޮތަށް ރައްޔިތުންނަށް ހިދުމަތްކޮށްދިނުމުގައި ދެމިހުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް މިރޭ އިންތިހާބުކުރި ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާއަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ ވޭތުވެދިޔަ ތަނުގައި ފެނިގެންދިޔަ ނާއުންމީދު ކަންތައްތަކެއް ނާންނާނެ ގޮތަކަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު އިހުލާސްތިކަމާއެކު މަސައްކަތްކުރައްވާނީ ގާނޫނު އަސީސީއާ އެއްގޮތަށް ރައްޔިތުންނަށްޓަކައި. މި ވޭތުވެދިޔަ ތަނުގައި ފެނިގެންދިޔަ ނާއުންމީދު ކަންތައްތަކެއް ނާންނާހެން އަޅުގަނޑު މަސައްކަތްކުރާނީ. ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދޭނެ ގޮތަކަށް،" އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ސަރުކާރަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށާއި މަޖިލީހުގެ ރައީސްކަމަށް އިންތިހާބުކޮށްދިނުމަށް ގާސިމްއަށް ތާއީދުކުރެއްވި ހުރިހާ މެމްބަރުންނަށް ވެސް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲއަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.
"އިސްލާހަށްޓަކައި ފެށުނީއްސުރެ އިބްރާހިމް މުހައްމަދު ސޯލިހު ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. މި ކޯލިޝަން އުފެދުނީއްސުރެ އެމަނިކުފާނު ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތަށް ޝުކުރު ދަންނަވަން. އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމަށް ވެސް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށާއި އެންމެ ބޮޑު ޝުކުރެއް އަދާކުރަން ބޭނުންވަނީ ސެޕްޓެމްބަރު 23ގައި ސާބިތުކަމާއެކު ވޯޓު ދިން ދިވެހި ރައްޔިތުންނަށް ކަމަށެވެ. އަދި ނާއިންސާފާއި އަނިޔާވެރިކަމާއި ހައްދު ފަހަނައަޅައި ދާ ދިއުން ރައްޔިތުން ގަބޫލުނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިރޭ މަޖިލީހުގެ ރައީސްކަމަށް ގާސިމް އިންތިހާބުވެވަޑައިގެންނެވީ ވޯޓުގައި ބައިވެރިވި 80 މެމްބަރުންގެ ތެރެއިން 62 މެމްބަރުންގެ ވޯޓާއެކުއެވެ. ގާސިމްއާ ވާދަކުރެއްވި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އަށް ލިބިވަޑައިގެންނެވީ 16 ވޯޓެވެ. ބާތިލްވެފައިވަނީ ދެ ވޯޓެވެ.