ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޤަފޫރަށް އދ.ގެ ހިމާޔަތަށް އެދިއްޖެއެވެ.
ގަވާއިދާ ހިލާފަށް ކަނޑުމަގުން އިންޑިއާއަށް އެތެރެވުމާއެކު ހައްޔަރުކޮށްފައިވާ އަދީބާ ގުޅޭގޮތުން އިންޓަނޭޝަނަލް ޖަސްޓިސް ޗޭމްބާސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ ހިމާޔަތް ހޯދުމަށް އަދީބު އެދިފައިވާ ކަމަށެވެ.
އަދީބު ހިމާޔަތަށް އެދިފައިވުމުން އިންޑިއާ އާއި ރާއްޖެއާ ދެމެދު ރަނގަޅު ގުޅުމެއް އޮތް ނަމަވެސް، އޭނާ އެދިފައިވާ ގޮތަށް ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ހިމާޔަތް ދިނުމަށް އިންޑިއާއަށް ގޮވާލާ ކަމަށާއި އަދީބު ރާއްޖެ ދޫކޮށް ގޮސްފައިވަނީ އިންޑިއާގެ ހިމާޔަތަށް ކަމަށް އިންޓަނޭޝަނަލް ޖަސްޓިސް ޗޭމްބާސް އިން ބުންނެވެ.
އިންޓަނޭޝަނަލް ޖަސްޓިސް ޗޭމްބާސް އިން ބުނީ ސިޔާސީ އަދި ހާރިޖީ ގުޅުން ނުވަތަ އެހެންވެސް ފައިދާއަކަށްޓަކައި މީހެއްގެ ހައްގުތަކާއި މިނިވަންކަން ގެއްލޭނެ ފަދަ ނިންމުމެއް ނުނިންމޭނެ ކަމަށާއި އަދީބަށް ހައްގު ހޯދައިދީ ހިމާޔަތް ހޯދައިދިނުމަށް އދ. އަށް ގޮވާލާ ކަމަށެވެ.
އަދީބަށް ތުހުމަތުކުރެވޭ ކުށްތަކަށް އިއުތިރާފުވާ ގޮތަށް ދޮގުތަކެއްގެ މައްޗަށް ބިނާވެފައި އޮތް ލިޔުމެއްގައި ސޮއިކުރުވަން ރާއްޖޭގެ މުއައްސަސާތަކުން މަޖުބޫރުކުރުވަން އުޅޭ ކަމަށާއި އެ ލިޔުމުގައި ސޮއިކޮށްފި ނަމަ، އޭނާގެ އާއިލާއާއި އޭނާއަށް އެކަމުން ނުރައްކާވާނެ ކަމަށް އިންޓަނޭޝަނަލް ޖަސްޓިސް ޗޭމްބާސް އިން ބުންޏެވެ.