އަހްމަދު އަދީބު އަބްދުލްގަފޫރު

އަދީބު ބޯޓަށް އެރީ ބޭސްފަރުވާ އަކަށް ދަނީ ކަމަށް ބުނެ، ފަޅާއަރުވާލީ ފަޅުވެރިން!

ފިލައިގެން އިންޑިއާއަށް އެތެރެވާން އުޅުނު ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު، ފިލަން ޓަގު ބޯޓަށް އެރުވީ އިންޑިއާއަށް ދަނީ ބޭސްފަރުވާއަކަށް ކަމަށް ބުނެގެން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮޑެތި ކުށްތަކެއްގެ ތުހުމަތު ކުރެވޭ އަދީބު ފިލައިގެން އިންޑިއާގެ ހިމާޔަތް ހޯދަން އެގައުމަށް އެތެރެވާން އުޅެނިކޮށް ހިފެހެއްޓީ، އިންޑިއާގެ ޓަމިލް ނާޑޫގެ ޓުޓިކޮރިން ބަނދަރަށް ދަތުރު ކުރަމުންދިޔަ ޓަގު ބޯޓެއްގެ ތެރެއިންނެވެ.

މަސްދަރުތަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި، އަދީބު ހުރި "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓު މިދިޔަ މަހުގެ 11 ވަނަ ދުވަހު ރާއްޖެ އައިސްފައިވަނީ އިންޑޮނޭޝިއާއަށް ހިލަ ބަރުކުރުމަށްފަހު އެވެ. ސިންގަޕޫރުގައި ރަޖިސްޓްރީ ކޮށްފައިވާ އެ ބޯޓުގައި އިންޑިއާގެ ރައްޔިތަކާއި އިންޑޮނޭޝިއާގެ އަށް ފަޅުވެރިން ތިއްބެވެ. ނަމަވެސް އެ ބޯޓަށް އަދީބު އަރާފައިވަނީ އިންޑިއާއަށް ބޭސްފަރުވާ ކުރުމަށްދާ ކަމަށް ބުނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސީނިއާ ޕޮލިސް އޮފިސަރަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާ ގޮތުން، ރާއްޖެއިން އިންޑިއާއަށް ބޯޓު ފެށި ދަތުރުގައި ކުރޫއިންގެ ތެރޭގައި އިތުރު މީހަކު ހުރިކަން އެ ބޯޓުގެ އެޖެންޓަށް އެންގީ ބޯޓުގެ ފަޅުވެރިންނެވެ. އެޖެންޓުގެ ފަރާތުން އެ މައުލޫމާތު އިންޑިއާގެ ކަސްޓަމްސް އަށާއި ކޯސްޓްގާޑް އަދި އިންޓެލިޖެންސް އެޖެންސީތަކަށް އެންގުމުން އެ ބޯޓަށް އަރައި އަދީބާ ސުވާލު ކުރަން ފެށި ކަމަށް ރިޕޯޓްތައް ބުނެ އެވެ.