ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޤަފޫރު ފިލުވުމުގައި ބައިވެރިވެ، އެހީތެރިވި ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް އެފަރަރާތްކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ޓަގު ބޯޓެއްގައި އިންޑިއާއަށް އެތެރެވާން އުޅެނިކޮށް، އިންޑިއާ ފުލުހުން މިއަދު ވަނީ އަދީބު ހައްޔަރުކޮށްފައެވެ. އެކަމާ ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެކުވެރި ގައުމުތަކާ ގުޅިގެން އަދީބު، އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓު ތަރައްގީކުރުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމަށްފަހު އެރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާއަށް ހިޔާނަތްތެރިވެ، އެ ފައިސާ ލޯންޑާކޮށްފައިވާ މައްސަލައާއި ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރުސީއަށް ފައިސާ ނެގުމަށްފަހު އެ ފައިސާއަށް ހިޔާނާތްތެރިވެ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ތުހުގީގުކުރެވޭ އަދީބު އިއްޔެ ތަހުގީގަށް ހާޒިރުވުމަށް އެންގި ނަމަވެސް އޭނާ ހާޒިރުވެފައި ނުވާ ކަމަށެވެ.
އަދީބުގެ މައްޗަށް ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވަނިކޮށް ފިލައިގެން ކަނޑުމަގުން ރާއްޖެއިން ބޭރަށް ދިއުމުގެ މަގުމަތީގައި އޭނާ ހިފެހެއްޓިފައިވާކަން ފުލުހުންގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އެނގިފައިވާ ގޮތުގައި އިންޑިއާގެ ޓުއްޓިކުރިންގެ އެއާޕޯޓުން އަދީބު ހައްޔަރުކުރީ ޓަގު ބޯޓުގައި ބަނދަރަށް ކައިރި ކުރުމުންނެވެ. "ވަން އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިމިގްރޭޝަނުގެ ބެލުމުގެ ދަށުން އެ ބަނދަރުން އަދީބު އެހެން އުޅަނދަކަށް އަރުވައިގެން ވަނީ ގެންގޮސްފައެވެ.
އަދީބު ރާއްޖެއިން އިންޑިއާއަށް މި ދަތުރުކުރި ޓަގު ބޯޓަކީ އިންޑިއާގެ އުޅަނދެކެވެ. އެ އުޅަނދަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު މުދާ އުފުލާ އުޅަނދު ފަހަރުގައި ޖަހާ ޓަގު ބޯޓެކެވެ. އެހެން ނަމަވެސް އަދީބު އޭގައި އިންޑިއާއަށް ދިޔައީ ކިހިނެއް ކަމެއް ނޭނގެއެވެ.
އަދީބުގެ މައްޗަށް އިއްވި ހުރިހާ ހުކުމްތަކުން އަދީބު މިނިވަންވެފައިވާ އިރު، އޭނާ ހުރީ މާލޭ ބަންދަށް ދޫކޮށްފައެވެ. ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ދާދި ފަހުން އަދީބުގެ ޕާސްޕޯޓު ހިފަހައްޓަން ވެސް އަމުރެއް ނެރެފައެވެ.