އަހްމަދު އަދީބު އަބްދުލްގަފޫރު

ޓަގުބޯޓެއްގައި އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އަދީބު ހައްޔަރުކޮށްފި (ވީޑިއޯ)

3

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓަގު ބޯޓެއްގައި އިންޑިއާއަށް އެތެރެވާން އުޅެނިކޮށް، ހައްޔަރުކޮށްފި ކަމަށް އަޑުތައް ފެތުރިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބު ހައްޔަރުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ. އިންޑިއާގެ ޓުއްޓިކުރިންގެ އެއާޕޯޓުން އަދީބު ހައްޔަރުކުރީ ޓަގު ބޯޓުގައި ބަނދަރަށް ކައިރި ކުރުމުން ކަމަށް އެނގިފައިވެ އެވެ. "ވަން އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިމިގްރޭޝަނުގެ ބެލުމުގެ ދަށުން އެ ބަނދަރުން އަދީބު އެހެން އުޅަނދަކަށް އަރުވައިގެން ވަނީ ގެންގޮސްފަ އެވެ.

އަދީބު އިންޑިއާއަށް ތަގުގައި އެތެރެވާ މަންޒަރު ކަމަށް ބުނެ ފެތުރޭ ވީޑިއޯ ---

އަދީބު ރާއްޖެއިން އިންޑިއާއަށް މި ދަތުރުކުރި ޓަގު ބޯޓަކީ އިންޑިއާގެ އުޅަނދެެކެވެ. އެ އުޅަނދަކީ އިންޑިއާ އާއި ރާއްޖެ އާ ދެމެދު މުދާ އުފުލާ އުޅަނދު ފަހަރުގައި ޖަހާ ޓަގު ބޯޓެކެވެ. އެހެން ނަމަވެސް އަދީބު އޭގައި އިންޑިއާއަށް ދިޔައީ ކިހިނެއް ކަމެއް ނޭނގެ އެވެ.

މި މައްސަލައިގައި ރާއްޖޭގެ ފުލުހުންނާއި ފޮރިން މިނިސްޓްރީއާ ތަކުރާރުކޮށް ސުވާލު ކުރުމުން އެއިން އެއްވެސް ފަރާތަކުން މިކަން ޔަގީންކޮށްދީފައެއް ނުވެ އެވެ.

އަދީބުގެ މައްޗަށް އިއްވި ހުރިހާ ހުކުމްތަކުން އޭނާ ވަނީ މިނިވަން ވެފަ އެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އަދީބުގެ ޕާސްޕޯޓު ހިފަހައްޓަން އަމުރު ކޮށްފަ އެވެ. އެއީ އެ ކޯޓަށް ހުށަހަޅާފައިވާ މައްސަަލައަކާ ގުޅިގެންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟