ޓްރާންސްޕޯޓް މިނިސްޓަރު އައޝަތު ނަހުލާ އަންނަ ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރާނެ ކަމުގެ އިޝާރާތެއް ރައްޔިތުން މަޖިލީހުން ކޮށްފިއެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ވަޒީރަކާ ސުވާލުކުރަން ހުށަހަޅާ ދުވަހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ނުލައި އެ ބޭފުޅަކަށް މަޖިލިހުގެ އިދާރާ އިން 14 ދުވަހުގެ ނޯޓިހެއް ދޭން ޖެހެއެވެ. އެހެންނަމަވެސް އެމުއްދަތު ހަމަވަވިއިރުވެސް މިނިސްޓަރ ނަހުލާ މަޖިލީހަށް ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.
މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރެއްވުމަށް، މަޖިލީހުގެ އިދާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން، މަޖިލީހުގެ އަމީން އާއްމު އައިޝަތު ނިއުޝާ ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓަރާއި ސުވާލުކުރުން އަންނަ ހަފުތާގެ ދުވަހަކަށް ތާވަލުކޮށްދެއްވުމަށް މިނިސްޓަރު ނަހުލާ އެދިވަޑައިގެންފައިވާ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަން ހަމަޖެހިފައިވަނީ މާލޭގައި ޕާކިން މައްސަލައަށް ހައްލު ނުހޯދައި ފުލުހުން ސްޓިކާ ޖަހަމުން ގެންދާ މައްސަލައިގައެވެ.
މިނިސްޓަރު ނަހުލާ މަޖިލީހަށް ހާޒިރު ކުރެއްވުމަށް އެދި މިދިޔަ މަހުގެ ކުރީކޮޅުގައި ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.