ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރު ކުރާ ފަރާތްތަކަށް ފަސް ދުވަހުގެ މުހުލަތެއް ދޭން މަޖިލީހުގެ އިދާރާއިން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން، މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ އެގޮތަށް ނިންމީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ކޮމެޓީތަކުގެ މުގައްރިރުންގެ ލަފަޔާއި އިރުޝާދުގެ މަތީން ކަމަށެވެ. އަދި ފަސް ދުވަހުގެ މުހުލަތެއް ދޭން ނިންމީ، ކޮމެޓީތަަކަށް ހާޒިރުވުމުގެ ކުރިން ތައްޔާރުވެލުމުގެ ފުރުސަތު ދިނުމަށް ކަމަށްވެސް ނިއުޝާ ވިދާޅުވިއެވެ.
ނިއުޝާ ވިދާޅުވީ އަންނަ ހަފުތާގައި މަޖިލީހުގެ ކޮމެޓީތަކަށް ސަރުކާރުގެ އެކި އިދާރާތަކުގެ ބޭފުޅުން ހާޒިރު ކުރާނެ ކަމަށެވެ. އެގޮތުން އަންނަ ހޯމަ ދުވަހު އިޖުތިމާއީ ކޮމެޓީއަށް ޔޫތު މިނިސްޓްރީގެ ބޭފުޅުން ހާޒިރު ކުރައްވާނެ ކަމަށާއި، އަންގާރަ ދުވަހު އެންސްޕާގެ ބޭފުޅުންނާ ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރަން ތާވަލުކޮށްފައިވާއިރު، ބުދަ ދުވަހު މީޑިއާ ކައުންސިލާ ބައްދަލު ކުރާނެ ކަމަށް ވެސް ނިއުޝާ ވިދާޅުވިއެވެ.
އަދި ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން އަންގާރަ ދުވަހު ހައުސިން މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރަން ހަމަޖައްސާފައިވާއިރު، ޖުޑިޝަރީ ކޮމެޓީން ހަމަ އެދުވަހު އެޓާނީ ޖެނެރަލް އޮފީހުގެ ބޭފުޅުންނާ ބައްދަލު ކުރުމަށް ވަނީ ހަމަޖައްސައިފައެވެ.
ނިއުޝާ ވިދާޅުވީ އެންވަޔަރަންމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމެޓީން، ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލު ހޯދުމާ ގުޅޭގޮތުން ވެމްކޯ، އީޕީއޭ، އެލްޖީއޭ އަދި އެންވަޔަރަންމެންޓް މިނިސްޓްރީގެ ބޭފުޅުންނާ ހޯމަ ދުވަހު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން އަންނަ ހޯމަ ދުވަހު އެޗްއާރްސީއެމް އަދި ބުދަ ދުވަހު ޖެންޑާ މިނިސްޓްރީއާވެސް ބައްދަލު ކުރަން ވަނީ ހަމަޖައްސާފަ އެވެެ.