ގާސިމް އިބްރާހިމް

މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ގާސިމް އިންތިހާބުކޮށްފި

1

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އިންތިހާބުކޮށްފިއެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ގާސިމް އިންތިހާބުވެފައިވަނީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އާ ވާދަކުރައްވައިގެންނެވެ. އެ ވޯޓުގައި 80 މެމްބަރުން ބައިވެރިވެވަޑައިގެންނެވި އިރު، ފަސް މެމްބަރަކު ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.

މަޖިލީހުގެ ރައީސްކަމަށް ގާސިމް އިންތިހާބުކުރުމަށް ވޯޓު ދީފައިވަނީ 62 މެމްބަރުންނެވެ. އަދުރޭއަށް ވޯޓު ދީފައިވަނީ 16 މެމްބަރުންނެވެ. ބާތިލްވެފައިވަނީ ދެ ވޯޓެވެ.

މަޖިލީހުގެ ރައީސްކަމަށް ގާސިމް ގެނައުމަށްޓަކައި އޭނާގެ ނަން ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެކަމަށް ތާއީދު ކުރެއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަދި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މަޖިލީހުގެ ރައީސްކަމަށް ބޭފުޅަކު އިންތިހާބުކޮށްފައިވަނީ ސިއްރު ވޯޓަކުންނެވެ. އިންތިހާބުކުރުމަށް ނެގި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކާއި، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް އަދި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އަބްދުﷲ މަސީހު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މަސީހު އިސްތިއުފާ ދެއްވާފައިވަނީ މިރޭ އޭނާގެ އިތުބާރުނެތްކަމުގެ މައްސަލައާ މެދު މަޖިލީހުން ގޮތެއް ނިންމުމެއް ހަމަޖެހިފައި ވަނިކޮށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟