ޝެއިޚް އިމްރާން

ޝެއިޚް އިމްރާން، އަނބިކަނބަލުންނަށް: އަހުރެން މިވަނީ މުޅި އުމުރަށް ތިބާއަށް ދަރާފައި

އަހުމަދު ޖައިޝަން

ޓެރަރިޒަމް ތުހުމަތުގައި 12 އަހަރަށް ޖަލަށް ލާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރުކުރުމާއެކު އެންމެ ފުރަތަމަވެސް އޭނާ ޝުކުރު އަދާކުރީ އޭނާގެ އަނބިކަނބަލަށެވެ.

ޖުމްލަ އެއް އަހަރާއި ތިން މަސް ފަހުން ޓްވިޓާގައި ފުރަތަމަ ކުރެއްވި ޓްވީޓުގައި ޝެއިހް އިމްރާން ވަނީ އޭނާގެ އަނބިކަނބަލުން މަރިޔަމް ރީމްގެ ކެތްތެރި ކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ޝެއިހް އިމްރާން ވިދާޅުވީ ފާއިތުވި 42 މަހަކީ އޭނާއަށާއި ރީމްއަށް ދަތި ދުވަސްތަކެއް ކަމަށެވެ. އެހެންނަމަވެސް އެ މުއްދަތުގެ ތެރޭގައި ރީމްއަކީ އެންމެ ހިތްވަރުގަދަ އަަންހެނާ ކަން ސާބިތުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަހަރެންނަށްޓަކާއި ކަނޑުތައް ހުރަސްކޮށް ފަރުބަދަތައް ދުރުކޮށްދިން އަހަރެންގެ އަންހެނުންނަށް މުޅި އުމުރަށް މިހުރީ ދަރާފައި،" އޭނާ ވިދާޅުވިއެވެ.

އަދި ކިތަންމެ ގިނައިން އެކަމަށް ޝުކުރު އަދާކޮށް އަދި ލޯބި ދިން ކަމުގައިވީ ނަމަވެސް އެވަރުން ނުފުދޭނެ ކަމަށްވެސް ޝެއިހް އިމްރާން ވިދާޅުވިއެވެ.