ޕޮލިސް

އަލީ މުހައްމަދުގެ މަރަކީ ގުދުރަތީ މަރެއް ކަމަށް ބެލެވޭ: ޕޮލިސް

މިމަހުގެ 30 ވަނަ ދުވަހު ކުއްލި ގޮތަކަށް ނިޔާވެފައިވާ ހއ. ބާރަށު އޯކިޑްވިލާ، 52 އަހަރުގެ އަލީ މުހައްމަދު (އަލި މަނިކު)ގެ މަރަކީ ގުދުރަތީ މަރެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ އަލީ މުހައްމަދު ނިޔާވި ފަހުން ހަށިގަނޑުގައި ޒަހަމްތަކެއް ހުރިކަން އާއިލާއަށް ފާހަގަކުރެވިގެން އެކަން ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.

އެމައްސަލައިގައި ފުލުހުން މިރޭ ބުނީ، ނިޔާވެފައިވާ 52 އަހަރުގެ ދިވެހި ފިރިހެނެއްގެ ހަށިގަނޑު ސަހަރާއަށް ގެންގޮސްފައި ވަނިކޮށް، ހަށިގަނޑުގައި ޒަހަމްތަކެއް ހުރިކަމަށް އާއިލާއަށް ފާހަގަކުރެވިގެން އިއްޔެ 2:45 ހާއިރު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ.

އަދި އެމައްސަލަ މިހާތަނަށް ބެލިބެލުމުން އެއީ ގުދުރަތީ މަރެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ. އަދި އެގޮތަށް ހުށަހެޅޭ ކޮންމެ މައްސަލައެއްގައި ވެސް ފުލުހުން ބަލަންޖެހޭ ކަންކަން ބަލައި ރެކޯޑް ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

އަލީ މުހައްމަދުގެ މަރާ މެދު ތުހުމަތުކުރެވޭ ކަންތައްތަކެއް ހުރި ކަމަށް އާއިލާއިން ބުނެފައިވަނީ މޫނުގެ ދެ ތަނެއްގައި ޒަހަމްތަކެއް ހުރުމުންނެވެ.

އާއިލާގެ ފަރާތުން ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވި ބާރަށު ކައުންސިލުގެ ނައިބު ރައީސް އަލީ ޝަމީމު ވިދާޅުވީ އަލީ މުހައްމަދުގެ ހަށިގަނޑު ފެނުން އިރު މޫނުމަތީގައި ޒަޚަމްތަކެއް ހުރި ކަމަށެވެ.

އެގޮތުން ކޯމަތީގައި ތަންކޮޅެއް ހަލާކުވެފައި ހުރި އިރު ނޭފަތުގެ ކަށިގަނޑު މަތިންވެސް ވެސް ތަނެއް ހަލާކުވެފައި ހުރި ކަމަށް ވިދާޅުވިއެވެ. އަދި އައިޖީއެމްއެޗުން ދީފައިވާ މަރު ފޯމުގައި ހަމައެކަނި ލިޔެފައިވަނީ ''ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާކަމަށް'' ށެވެ.

އަލީ މުހައްމަދު ނިޔާވިކަން އެނގުނީ އޭނާ ހެނދުނު ހޭނުލައިގެން އެގޭގެ މީހުން އޭނާއަށް ގޮވައި ހަބަރެއް ނުވެގެން ބެލުމުންނެވެ.