ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފަސް މީހުންގެ ފޮޓޯއާއި ބައެއް މައުލޫމާތު ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ހިންގި އޮޕަރޭޝަނުގައި އިއްޔެ ހައްޔަރުކުރި މީހުންގެ ތެރޭގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާ ބޮޑެއްވެސް ހިމެނޭ ކަމަށެވެ.
ފުލުހުން ބުނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ވިއްކަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި މިއަދު ހައްޔަރުކުރީ 31 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނަކާއި 33 އަހަރަުގެ ދެ ފިރިހެނަކާއި 43 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެމީހުންގެ ތެރޭގައި ހިމެނޭ ސ.ހިތަދޫ ފިނިފަރު، އަބްދުﷲ އިބްރާހީމްގެ މައުލޫމާތު ހާމަކުރަމުން ފުލުހުން ބުނީ، އޭނާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން އަށް ފަހަރަކު ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. އަދި ޖަމާއަތް ހަދައިގެން ރޭޕްކުރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާއިރު ނުރުހުމުގައި ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައަކާއި މާރާމާރީ ހިންގުމުގެ ދެ މައްސަލައަކާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދެ މައްސަލައެއްގައި ވެސް އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ، މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ފުލުހުން ބުނާ މީހަކީ އަބްދުﷲ އިބްރާހީމެވެ.
އަދި އޭގެ އިތުރުން އެމައްސަލައިގައި ހައްޔަރުކުރި ސ.ހިތަދޫ، ހުދުވެލި، އަލީ ހަސަނާ ބެހޭ މައުލޫމާތު ހާމަކުރަމުން ފުލުހުން ބުނީ އަލީ ހަސަނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ނުވަ ފަހަރު ހައްޔަރުކޮށް، މާރާމާރީގެ މައްސަލައެއްގައި އެއްފަހަރު، އަދި ގަސްދުގައި މީހެއްގެ މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެއްގައި އެއްފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.
ސ. ހިތަދޫ، ޕޫލްބަހާރު، މުހައްމަދު ފައިސަލްގެ މައުލޫމާތު ހާމަކުރަމުން ބުނެފައިވަނީ މުހައްމަދު ފައިސަލަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ދެ ފަހަރު އަދި ގަވައިދާ ހިލާފުވުމުގެ މައްސަލައެއްގައި އެއްފަަހަރު ގްރޫޕް ހަދައިގެން، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ވެސް އެއްފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.
ހއ.ހޯރަފުށި، ރަންމުލި، އަހްމަދު ރައޫފާ ބެހޭގޮތުން ފުލުހުން ބުނީ، އޭނާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން ވެސް އެއްފަހަރު ހައްޔަރުކޮށް، އަދި ވައްކަމުގެ މައްސަލަތަކުގައި ތިން ފަހަރު، އަދި އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލާގައި އެއްފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.
ހއ.ހޯރަފުށި އާރޯ، އަހުމަދު މަމްދޫހުގެ މައުލޫމާތުވެސް ހާމަކުރަމުން ފުލުހުން ބުނެފައިވަނީ އޭނާއަކީ ވެސް މަސްތުވާތަކެތީގެ މައްސަލާގައި އެއްފަހަރު އަދި ގޮވާތަކެތި ބޭނުންކުރުމުގެ މައްސަލައެއްގައި ވެސް އެއްފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. އޭނާގެ މައްޗަށް ސާބިތުވީ 2015 ވަނަ އަހަރު މުލިއާގެ ކައިރީގައި ބޮމެއް ބޭއްވުމުގެ ކުށެވެ. އެ މައްސަލާގައި އޭނާ އަށް އިއްވި 17 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކޮށް މިނިވަންކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.
މި ފަސް މީހުންގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހާފައެވެ.