ޕޮލިސް

އެއް އާއިލާއަކުން ކުއްލި ގޮތަކަށް ދެމީހަކު މަރުވި އިރު އެކެއްގެ މަރު ތަހުގީގު ކުރަނީ

ޝަހީދާ އަބްދުﷲ ސައީދު

4

ހއ. ބާރަށުގެ އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހަކު އިއްޔެ ނިޔާވި އިރު، އެތަނުން އެކެއްގެ މަރާމެދު ސުވާލު އުފެދޭ ކަންކަން ހުރުމުން އެކަން ތަހުގީގު ކުރަަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

އިއްޔެ ހެނދުނު ކުއްލި ގޮތަކަށް ނިޔާވެފައިވަނީ ބާރަށު ވިކްޓަރީހައުސް 76 އަހަރުގެ ފާތިމަތު މޫސާގެ ފިރިމީހާގެ އެއްބަނޑު އެއްބަފާ މީހެއްގެ ދަރިއެއްކަމަށްވާ އެރަށު އޯކިޑްވިލާ، 52 އަހަރުގެ އަލީ މުހައްމަދު (އަލި މަނިކު) އެވެ. އަލީ މުހައްމަދު ނިޔާވީ މާލޭގައެވެ. އަދި ފާތިމަތު މޫސާ ނިޔާވީ ބާރަށުގައެވެ.

''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު މިރޭ ވިދާޅުވީ ހއ. ބާރަށު އޯކިޑްވިލާ، 52 އަހަރުގެ އަލީ މުހައްމަދު (އަލި މަނިކު) ގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް އާއިލާއިންވެސް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެމައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ބާރަށު ކައުންސިލުގެ ނައިބު ރައީސް އަލީ ޝަމީމު ''ވަންއޮންލައިން'' އަށް މިރޭ މައުލޫމާތު ދެއްވަމުން ވިދާޅުވީ، ނިޔާވި ދެމީހުންނަކީ ވެސް ޝަމީމުގެ އަނބިމީހާގެ އާއިލާގެ ދެ މީހުން ކަމަށެވެ. އެގޮތުން ޝަމީމުގެ އަންހެނުންނަކީ ނިޔާވި އަލީ މުހައްމަދުގެ އެއްބަނޑުއެއްބަފާ ކޮއްކޮ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެމީހުންގެ މަރުގެ ހާދިސާ ހިނގައި ދިޔަަ ގޮތް ވިދާޅުވެ ދެއްވަމުން ޝަމީމު ވިދާޅުވެފައިވަނީ އޭނާ އޮފީހުގައި އިންނަވަނިކޮށް، އޭނާގެ އަންހެނުން ފޯނުކޮށްފައި ފަހަރި ދައިތަ ނިޔާވި ހަބަރު ދިން ކަމަށެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އަންހެނުން ފޯނުކޮށްފައި އަންހެނުންގެ ބޭބެ ނިޔާވި ހަބަރުވެސް ދިން ކަމަށެވެ.

ދެމީހުންގެ ތެރެއިން އަލީ މުހައްމަދުގެ މަރާމެދު ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށް ޝަމީމު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފަހަރި ނިޔާވި ހަބަރު ދިނުމަށް ބޭބެއަށް އޭނާގެ އަންހެނުން ފޯނުކުރުމުން ފޯނު ނެގީ އެހެން މީހެއް ކަމަށާއި ފޯނު ނެގި މީހާ ބޭބެ މަރުވެފައިވާކަމުގެ ހަބަރު ދިން ކަމަށެވެ.

އެވަގުތު ބޭބެ ހަށިގަނޑު އައިޖީއެމްއެޗްގައި އޮތްކަމަށް ބުނުމުން، އެދެމަފިރިން މާލެ އައިސް އައިޖީއެމްއެޗަށް ދިޔައިރު ހަށިގަނޑު ސަހަރާއަށް ގެންގޮސްފައިވާ ކަމަށާއި ސަހަރާއަށް ހަށިގަނޑު ގެންދިޔައީ ބޭބެގެ އަންހެނުންގެ އާއިލާގެ ބަޔަކު ކަމަށް ޝަމީމު ވިދާޅުވިއެވެ.

ޝަމީމު ވިދާޅުވި ގޮތުގައި އަލީ މުހައްމަދުގެ ހަށިގަނޑު ފެނުން އިރު މޫނުމަތީގައި ޒަޚަމްތަކެއް ހުއްޓެވެ. އެގޮތުން ކޯމަތީގައި ތަންކޮޅެއް ހަލާކުވެފައި ހުރި އިރު ނޭފަތުގެ ކަށިގަނޑު މަތިންވެސް ވެސް ތަނެއް ހަލާކުވެފައި ހުރި ކަމަށް ވިދާޅުވިއެވެ. އަދި އައިޖީއެމްއެޗުން ދީފައިވާ މަރު ފޯމުގައި ހަމައެކަނި ލިޔެފައިވަނީ ''ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާކަމަށް'' ށެވެ.

އަދި ސަހަރާގައި ތިއްބައި އެތަނަށް ފުލުހުން ގޮސް ބޭބެ ދިރިއުޅުނު ގޭގެ އަންހެންމީހާ ސަހަރާއަށް ގެނެސް ކަން ހިނގައިދިޔަ ގޮތް ސުވާލުކުރުމުން އަންހެންމީހާ ބުނެފައިވަނީ އަލީ މުހައްމަދު އޮފީހަށް ދާން ނުތެދުވުމުން ކޮޓަރިއަށްވަދެ ގޮވިއިރު އޮތީ އެނދުމަތީގައި ބަންޑުން ކަމަށާއި ހަބަރެއް ނުވުމުން ފުރޮޅާލިއިރު މަރުވެފައިވާ ކަމަށެވެ.

އަދި އޭނާ އެގޭގައި އުޅޭތާ ކިހާ ދުވަހެއް ވެއްޖެތޯ ފުލުހުން ސުވާލުކުރުމުން 40 އަހަރުވެއްޖެ ކަމަށް ބުނެފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައީ ކާކުތޯ ސުވާލު ކުރުމުން ގެންދިޔައީ ކާކުކަން ނޭނގޭ ކަމަށް އަންހެން މީހާ ބުނި ކަމަށް ޝަމީމު ވިދާޅުވިއެވެ.

''ބޭބެ ނިޔާވި ހަބަރު ދިނީ ފަހަރިދައިތަ މަރުވި ހަބަރު ބޭބެއަށް ދޭންވެގެން އަންހެނުން ބޭބެގެ ފޯނަށް ގުޅިތަނާ އެހެން މީހަކު ނަގާފައި. އޭނާ ބުނީ ބޭބެ މިއޮތީ އައިޖީއެމްއެޗްގައޭ. ދެން އަޅުގަނޑުމެން މާލެ ގޮސް އައިޖީއެމްއެޗަށް ދިޔައިރު އެތަނުން ބޭބެގެ އަންހެނުންގެ އާއިލާގެ ބަޔަކު ސަހަރާއަށް ބޭބެ ގެންގޮސްފި. މަރު ފޯމުގައި ހަމައެކަނި ލިޔެފައޮތީ ހޮސްޕިޓަލަށް ގެނައިއިރުވެސް މަރުވެފައިވާކަމަށް. ބޭބެގެ ހަށިގަނޑު ފެނުންއިރު މޫނުގައި ޒަހަމްތަކެއް ހުރި. ކޯމަތީގައި ހަލާކުވެފައި، ނޭފަތު ކަށިގަނޑުމަތީގައި ޒަހަމެއް ހުރި. ދޭތެރެއަކުން އަނގައިން ލޭ އާދޭ. މޫނު އޮތީ ވަރަށް ބޮޑަށް ދުޅަވެފައި. އަދިވެސް ބޭބެގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔަ މީހެއް ނޭނގޭ. ފުލުހުން ސުވާލުކުރީމަ އެގޭގެ އަންހެންމީހާ ބުނީ ބޭބެ އެގޭގައި އުޅޭތާ 40 އަހަރުވެއްޖެއޭ. އެކަމަކު އެގެއަށް ބޭބެ ދިޔަފަހުން އަދި މިވީ ތިން އަހަރު. ބޭބެ ނިޔާވުމުގެ ހަފްތާއެއް ކުރިން އަންހެނުންނަށް ގުޅާފައި ބުނި ބޭބެއާއެކު އެރޫމުގައި ފަސް މީހަކު އުޅެއޭ. ބައެއް މީހުން ޖެއްސުންކުރާތީ އުޅެވެން ނެތިގެން އެހެންތަނެއް ހޯދަނިއްޔޭ. މިހާރު ފޯނުވެސް ގެއްލިއްޖެއޭ ވޮލެޓުވެސް ނަގައިފިއޭ.'' ޝަމީމު ވިދާޅުވިއެވެ.

ޝަމީމު ވިދާޅުވީ އަލީ ނިޔާވި ރޭ 12 ޖަހާއިރު ރައްޓެއްސަކާއެކު ކޮފީއަކަށް ދިޔަ ކަން ރައްޓެހި މީހާގެ ފަރާތުން އެނގުނު ކަމަށާއި އަލީގެ ފަރާތުން އަދާޔާ ހިލާފު އެއްވެސް ކަމެއް ފާހަގަ ނުކުރެވޭ ކަމަށް އޭނާ ބުނި ކަމަށެވެ.

އެހެންކަމުން އަލީގެ މަރާމެދު ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވާނެ ކަމަށް ޝަމީމު ވިދާޅުވިއެވެ.

މީގެއިތުރުން ހަމަ އެދުވަހު ބާރަށުން ނިޔާވި ފާތުމަތު މޫސާއާ ގުޅޭ ގޮތުން ޝަމީމު ވިދާޅުވީ، ފާތިމަތު ނިޔާވިކަން އެނގުނީ ފަތިސް ނަމާދަށް ނުތެދުވެގެން އޭނާގެ ފިރިމީހާ ގޮސް ގޮވުމުން ކަމަށެވެ.

ފާތުމަތު އޮތީ އަރިޔަށް ބާލީސް މަތީ އަތް ބާއްވައިގެން ކަމަށާއި އަތް އޮތީ ހަރުވެފައި ކަމަށް ޝަމީމު ވިދާޅުވިއެވެ. އަދި އަލީ އެކޭ އެއްގޮތަށް ފާތުމަތުވެސް އެރޭ ނިދީ 12 ޖަހަންދެން އާއިލާއާއެކު ގޭގެތެރޭގައި އުޅުމަށްފަހު ކަމަށް ޝަމީމު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟