ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ގެއްލުންވާ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަށް ޖާބިރު ގަރާރު ހުށަހަޅުއްވައިފި

އިބްރާހިމް ޒަކީ

ސަރުކާރުން ހިއްސާވެގެން ހިންގަމުން އަންނަ ކުންފުނިތަކުގެ ތެރެއިން، ގެއްލުންވާ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަށް، ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ކާށީދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

މި ގަރާރުގައި އެފަދަ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަށް ކުރަން ޖެހޭ ކަންކަން މިހާރުން މިހާރަށް ފެއްޓެވުމަށް ޖާބިރު ވަނީ ގޮވާލައްވައިފައެވެ.

ގަރާރުގައި ޖާބިރު ވިދާޅުވެފައިވަނީ ބައެއް ކުންފުނިތަކަށް ލިބޭ ގެއްލުން މިލިއަނަށް އަރައިގެންދިޔަ ނަމަވެސް އެ އިރަކު އޮންނަ ސަރުކާރަކަށް ތާއީދު ހޯދަން، ސިޔާސީ ހަތިޔާރަކަށް އެ ކުންފުނިތައް ބޭނުން ކުރަމުންދާ ކަމަށެވެ.

ގަރާރުުގައި ޖާބިރު ވިދާޅުވެފައިވަނީ ގެއްލުންވާ ވިޔަފާރިތައް ޕްރައިވެޓައިޒް ކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށެވެ. އެހެންކަމުން އެ ވައުދަކީ މިހާރުން މިހާރަށް ފުއްދަން ޖެހިފައިވާ ވައުދެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.

"އެ ވައުދުގެ މަތިން ސަރުކާރުގެ ހިއްސާ އޮވެގެން ހިންގަމުން އަންނަ ކުންފުނިތަކުގެ ތެރެއިން ގެއްލުމުގައި ހިންގަމުންއަންނަ ކުންފުނިތައް ޕްރައިވަޓައިޒްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން މިހާރުން މިހާރަށް ފައްޓައި އެ ކުންފުނިތައް ޕްރައިވަޓައިޒް ކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމު ކުރުމަށް ބާރުއެޅުމަށް މިގަރާރު ހުށަހެޅީމެވެ،" ގަރާރުގައި ޖާބިރު ވިދާޅުވެފައިވެއެވެ.