އިބްރާހިމް ޒަކީ
ފަރުޟު ހައްޖު އަދާ ކުރުމަށް ޕެންޝަން ފަންޑުން ބޭނުން ކުރެވޭ ފައިސާގެ އަދަދު، 80 ޕަސެންޓަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުން ގެނައި އެ އިސްލާހު މަޖިލީހުން މިއަދު ފާސްކުރީ 70 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މީގެކުރިން ސަރުކާރުން ހުށަހަޅައިގެން މަޖިލީހުން ފާސްކޮށްފައި އޮތީ ކޮންމެ އަހަރަކުވެސް ހައްޖަށް ގެންދިއުމަށް، ސަރުކާރުން އެ އަހަރަކު ކަނޑައަޅާ ރަސްމީ އަގުގެ 50 ޕަސަންޓު ޕެންޝަން ފަންޑުުން ބޭނުން ކުރެވޭގޮތަށެވެ.
ނަމަވެސް ބިލުގައި ކަނޑައަޅާފައިވާ ގޮތުން ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ޝަރުތުތަކުގެ ތެރޭގައި، ހައްޖަށް ދާން ފައިސާ ދޫކުރުމަށް އެދި ހުށަހަޅާ އިރު ރިޓަޔަމަންޓް ސޭވިން އެކައުންޓުގައި ތިންލައްކަ ތިރީސް ހަހާސް ރުފިޔާ ހުންނަންޖެހެއެވެ.
އެ އަދަދަށްބަލާއިރު ޕެންޝަން އޮފީހުން ބުނެފައިވަނީ، މިވަގުތު ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ 6،000 މީހުން އެބަ ތިބި ކަމަށެވެ.
ބިލުގައި ބުނެފައިވަނީ، މި ގާނޫނަށް އަމަލް ކުރަން ފަށާނީ ރައީސް ތަސްދީގު ކުރައްވައި ގެޒެޓްގައި ޝާއިއު ކުރުމުން ކަމަށެވެ.