މަރުތައް ތަހުގީގުކުރާ ކޮމިޝަން

ޖަލުގައި މަރުވި މީހެއްގެ މައްސަލައިގައި ދައުވާ ކުރަން ފޮނުވައިފި

ފަތޯނާ ފާއިޒު

މަރުތައް ބަލާ ކޮމިޝަނުން މާފުށީ ޖަލުގައި މަރުވި މީހެއްގެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ދައުވާ ކުރުމަށް ފުލުހުންނަށް ފޮނުވައިފިއެވެ.

މަރުތަކާ ބެހޭ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގެ ތެރެއިން ދ. ވާނީ ބްލޫހެވަން ހުސައިން ޒަރީރު މާފުށީ ޖަލުގައި މަރުވި މައްސަލަ އެ ކޮމިޝަނުން ބަލައި ނިންމުމަށްފަހު، އެމައްސަލައިގައި އިހުމާލުވާ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ.

މަރުތައް ބަލާ ކޮމިޝަނުން މިއަދު ކުރި ޓްވީޓު

ހުސަން ޒަރީރު މަރުވެފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަރީރު މަރުވުމުގެ މަހެއްހާ ދުވަސް ކުރިން އޭނާ ވަނީ ސްޓްރޯކެއް ޖެހިގެން ޕެރެލައިޒް ވެފައެވެ. އެހެންނަމަވެސް އޭނާ ޑޮކްޓަރަށް ދައްކާފައިވަނީ މަރުވުމުގެ އެއް ދުވަސް ކުރިންނެވެ.

އެހެންކަމުން، ޒަރީރުގެ މަރުގައި ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ އިހުމާލު އޮތް ކަމަށް ބައެއް މީހުން ތުހުމަތު ކުރެއެވެ.