ގާސިމް އިބްރާހިމް

މަޖިލީހުގެ ރައީސްކަމަށް ގާސިމާއި އަދުރޭ ކުރިމަތިލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކުރިމަތިލައްވައިފިއެވެ.

ގާސިމާއި އަދުރޭ ވެސް ކުރިން ވަނީ އެ މަގާމަށް ކުރިމަތިލައްވާނެ ކަން ކުރިން ވެސް ވަނީ އިއުލާންކޮށްފައެވެ.

ގާސިމްގެ ނަން ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހެވެ. އެކަމަށް ތާއީދު ކުރެއްވީ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމެވެ. އަދުރޭގެ ނަން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ހުށަހެޅުއްވި އިރު، ތާއީދުކުރެއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ.

މަޖިލީހުގެ ރައީސްކަމަށް ގާސިމް ގެނައުމަށް އިދިކޮޅު ޕާޓީތަކުގެ މެމްބަރުންގެ އިތުރުން ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ތާއީދުކުރާކަން ހާމަކޮށްފައިވެއެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އަބްދުﷲ މަސީހު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މަސީހު އިސްތިއުފާ ދެއްވާފައިވަނީ މިރޭ އޭނާގެ އިތުބާރުނެތްކަމުގެ މައްސަލައާ މެދު މަޖިލީހުން ގޮތެއް ނިންމުމެއް ހަމަޖެހިފައި ވަނިކޮށެވެ.