ހަ ކިލޯގެ މަސްތުވާތަކެއްޗާ އެކު އިއްޔެ ހައްޔަރު ކުރި ފަސް މީހުންގެ ބަންދުގެ މުއްދަތަށް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
މި ފަސް މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފުލުހުން ހިންގަމުންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ދަށުންނެވެ.
ހަ ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފަސް މީހުންނަކީވެސް ދިވެހިންނެވެ. އެމައްސަލައިގައި ހައްޔަރުކޮށްފައިވާ ފަސް މީހުންގެ ތެރޭގައި މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ ޑީލަރެއް ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ވިއްކަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އިއްޔެ ހައްޔަރުކުރީ 31 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ދެ ފިރިހެނުންނާއި 43 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ހަތަރު ރަބަރު ގަނޑު ވަނީ ފެނިފައެވެ.
ފަހަކަށް އައިސް ގިނަ މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު ވަނީ އިތުރުވެފައެވެ.