ގދ. ނަޑެއްލާގައި ސައިކަލަކާއި އެމްބިއުލެންސެއް ޖެހި އެކްސިޑެންޓް ވެއްޖެއެވެ
މި އެކްސިޑެންޓް ހިނގާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސީ އެމްބިއުލެންސަށް ބަލި މީަކު ގެންދަން ގޮވައިގެން ދަތުރުކުރި އެމްބިއުލެންސްގެ ކަނާއަތްފަރާތުގައި ސައިކަލަކުން ޖެހިގެންނެވެ. އެމްބިއުލެންސް ދުއްވާފައި ދިޔައީ އުތުރުން ދެކުނަށެވެ. އަދި ސައިކަލު ދުއްވާފައި ދިޔައީ އިރުން ހުޅަނގަށް ކަމަށް ފުލުހުން ބުނެ އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ނަޑެއްލާ އިރުމަތީ ފަރާތު ބަނދަރު ސަރަހައްދުގައެވެ.
ފުލުހުން މައުލޫމާތުދީފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގި އިރު ސައިކަލު ދުއްވަން އިން 27 އަހަރުގެ ދިވެހި ފިރިހެން މީހާ އަށް ސީރިއަސް އަނިޔާތަކެއް ވެފައިވާތީ ސީ އެމްބިއުލެންސްގައި ރޭ އޭނާ ތިނަދޫ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް އަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.
އެމްބިއުލެންސް ދުއްވަން އިނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި މީނާ އަށް އެއްވެސް އަނިޔާއެއް ވެފައި ނުވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި އެކްސިޑެންޓް ވީއިރު ސައިކަލު ދުއްވަން އިން މީހާގެ އަތުގައި ލައިންސަ ނެތްނަމަވެސް އެމްބިއުލެންސް ދުއްވަން އިނީ ލައިސެންސް އޮތް މީހެއް ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓްގައި އެމްބިއުލެންސް ގެ ކުރީކޮޅަށް ވަނީ ބޮޑެތު ގެއްލުންތަކެއް ލިބިފައެވެ. ނަޑެއްލާ ޕޮލިސްޓޭޝަނުން އަންނަނީ މި މައްސަަ ތަހުގީގު ކުރަމުންނެވެ.