ޕޮލިސް

ހަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހަ ކިލޯގެ މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ، މި ފަސް މީހުން ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފުލުހުން ހިންގަމުންދިޔަ އޮޕަރޭޝަނެއްގެ ދަށުން ކަމަށެވެ.

އަދި ހަ ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފަސް މީހުންނަކީވެސް ދިވެހިން ކަމަށް ފުލުހުން ބުނެއެވެ. އެމައްސަލައިގައި ހައްޔަރުކޮށްފައިވާ ފަސް މީހުންގެ ތެރޭގައި މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ ޑީލަރެއް ހިމެނެއެވެ.

ފުލުހުން ބުނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ވިއްކަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި މިއަދު ހައްޔަރުކުރީ 31 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނަކާއި 33 އަހަރަުގެ ދެ ފިރިހެނަކާއި 43 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އަދި ހައްޔަރުކުރި މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ހަތަރު ރަބަރު ގަނޑު ފެނިފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ. އެމައްސަލަ މިހާރު ތަހުގީގު ކުރަމުންދާކަމަށްވެސް ބުންޏެވެ.