ބޮލީވުޑް

ދިއްލީ ބާ ކައުންސިލުން އަމީތާބަށް ނޯޓިސްއެއް ފޮނުވައިފި

ބޮލީވުޑްގެ ބިގް ބީ، އަމީތާބް ބަޗަން އަށް އިންޑިއާގެ ބާ ކައުންސިލުން ލީގަލް ނޯޓިސްއެއް ފޮނުވައިފިއެވެ. ބާ ކައުންސިލުން އަމީތާބަށް މި ނޯޓިސް ފޮނުވީ، އިސްތިހާރެއްގައި ވަކީލެއްގެ ހެދުން ބޭނުން ކޮށްފައިވާތީއެވެ.

އަމީތާބް އާއި އިސްތިހާރު ހެދި މީޑިއާ ހައުސް އަށް ފޮނުވާފައިވާ ނޯޓިސްގައި ވާގޮތުގައި ވަކީލުންގެ ހެދުން ބޭނުން ކުރިއިރު ނަގަންޖެހޭ ހުއްދަތައް ނުނަގާ ކަމަށެވެ. އެހެންކަމުން އެ އިސްތިހާރު ދެއްކުމުން އެއީ ލީގަލް އެކްޝަންއެއް ނެގޭވަރުގެ ކަމެކެވެ. އެ ނޯޓިސްގައި އިތުރަށް ބުނެފައިވާ ގޮތުގައި މިހާރުން މިހާރަށް އިސްތިހާރު ދެއްކުން ހުއްޓާލުމަށާއި، އަދި ކުރިއަށް އޮތް ތަނުގައި ވަކީލުންގެ ހެދުންތައް އެއްވެސް އިސްތިހާރެއްގައި ބޭނުން ނުކުރާނެ ކަމުގެ ނޯޓިސްއެއް ދިއްލީގެ ބާ ކައުންސިލަށާއި، އިންޑިއާގެ އެހެން ހުރިހާ ބާ ކައުންސިލްތަކުގެ ސްޓޭޓް ތަކަށްވެސް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ފޮނުވަންޖެހޭނެ ކަމަށެވެ.

އަމީތާބް ކުޅެފައިވާ އިސްތިހާރުގައި ޑްރެސިން ރޫމެއްގައި ވަކީލެއްގެ ކޯޓުގައި ހުންނަ އިރު ޖޫނިއާ އާޓިސްޓުންތަކެއް ޕާވް ބާޖީއެއް އަމީތާބަށް ދެއެވެ. އެ ޕާވް ބާޖީ ކެއުމަށްފަހު އަމީތާބް ކެއުމަށް ތައުރީފް ކުރެއެވެ.

މީގެ ކުރިންވެސް އަމީތާބަށް ވަނީ މިކަހަލަ ހާދިސާއެއް ދިމާވެފައެވެ. އަމީތާބުގެ ދަރި ޝުވެތާ ބަޗަންއާ އެކީ ކުޅެގައިވާ ގަހަނާ އިސްތިހާރަކަށް ގާނޫނީ ނޯޓިސްއެއް އައިސް އެ އިސްތިހާރު ހުއްޓުވާލީ އޭގައި ބޭންކްގައި މަސައްކަތްކުރާ ފަރާތުގެ އަގު ވެއްޓޭގޮތަށް ކުޅެފައިވާ ކަމަށް ބުނެއެވެ.