ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، އެއަތޮޅުގެ އެކި ރަށްތަކުގެ މުއައްސަސާތަކާ ބައްދަލު ކުރެއްވުމުގެ މަގްސަދުގައި ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.
ހޫދު ވިދާޅުވީ، ރައީސް ސޯލިހު ބ އަތޮޅުގެ ރަށްތަކަަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅުގެ ރަށްތަކުގެ ކައުންސިލަރުންނާވެސް ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި އެރަށްތަކަށް އެންމެ ބޭނުން ވަނީ ކޮންކޮން ކަންތައްތަކެއްތޯ ބައްލަވައި، މަޝްވަރާ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެއްވެސް މަޝްރޫއެއް، މި ދަތުރުފުޅުގައި އިފްތިތާހު ނުކުރައްވާނެ ކަމަށް ހޫދު ވިދާޅުވިއެވެ.
މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްތަކަށް ރައީސް ސޯލިހު ކުރައްވާ ދަތުރުފުޅުގައި އެއަތޮޅު ފެހެންދޫ، ފުޅަދޫ، އޭދަފުށި، ކިހާދޫ އަދި ދޮންފަނަށް ޒިޔާރަތްކުރައްވައި އެރަށްރަށުގެ ކައުންސިލަރުންނާއި އެ ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ އަދި އަތޮޅު ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.
ރައީސް ސޯލިހު ބ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއްވެސް މަޝްރޫއެއް އިފްތިތތާހު ކުރައްވަން ހަމަޖެހިފައިނުވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން ސަރުކާރަަށް ވަނީ އަމާޒުވެފައެވެ.
ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ބޮޑު އެއްވެސް މަޝްރޫއެއް އަދި ނުފަށާ ކަަމަށެވެ. އަދި ސަރުކާރުގެ ރޭވުންތެރިކަމެއްވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.