ނ. ހޮޅުދޫގައި ފެން ހިންދާ ނިޒާމު ގާއިމު ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓާރ އިންޑިއާ ލިމިޓެޑާއެވެ.
މިއަދު މިނިސްޓްރީގައި ކުރިއަށް ގެންދިޔަ ހަފުލާއެއްގައި ދެފަރާތުން ވަނީ ހޮޅުދޫ ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ކެނޭޑިއަން ކްރިސްޓަލައިން ވޯޓާރ އިންޑިއާ ލިމިޓެޑް ގެ ފަރާތުން އެ ކުންފުނީގެ ލީގަލް ރެޕްރެސެންޓޭޓިވް ހަމްދޫން އަނީސް ސޮއި ކުރެއްވި އިރު މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން އެވެ.
މި މަޝްރޫއަށް ޖުލްމަ 6.56 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓްރީ އިން ލަފާ ކުރެއެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ނިންމައި 10 މަސް ދުވަހުގެ ތެރޭ ހަވާލު ކުރަން މިނިސްޓްރީއާއި ކެނޭޑިއަން ކްރިސްޓަލައިން ވޯޓާރ އިންޑިއާ ލިމިޓެޑް އާއި ދެމެދު ވެވުނު އެއްބަސް ވުމުގައި ވެއެވެ.
ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަކީ ހޮޅުދޫގައި ދިމާވާ ފެންބޮޑުވުމުގެ މައްސަލައަށް ހަައްލެއް ގެނައުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.