ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓުގަހުރި މައްސަލަތައް ނިންމަން، 22610 އަޑުއެހުން، ދެއަހަރާ ހަމަސް ބޭނުންވޭ: ނަޝީދު

އިބްރާހިމް ޒަކީ

ކްރިމިނަލް ކޯޓުގައި ނުނިމި އޮތް 1910 މައްސަލަ ނިންމުމަށް، 22610 އަޑުއެހުން ބާއްވަން ޖެހޭކަމަށް އަންދާޒާ ކުރެވޭކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތައް އަވަހަށް ނިންމުމަށް، ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން މަޖިލީހުގެ ލަފަޔަކަށް ޖޭއެސްސީން ހުށަހެޅި ރިޕޯޓަށް ކުރިއަށްދިޔަ ބަހުސްގެ ތެރެއިން، މެންބަރުންގެސަމާލުކަމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ ކޯޓުގައި މިހާރު އޮތް ކޮންމެ މައްސަލައަކަށް 15 އަޑުއެހުން ބާއްވަން ޖެހޭ ކަމަށެވެ. އެގޮތުން އިބްތިދާއީ މަރުހަލާގައި އެ ކޯޓުގައި އޮތް 1105 މައްސަލައަށް 16575 އަޑުއެހުން ބާއްވަންޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މައްސަލަތައް ނިންމުމަށް ކްރިމިނަލް ކޯޓުގައި ތިއްބެވި ނުވަ ފަނޑިޔާރުންގެ ތެރެއިން ކޮންމެ ފަނޑިޔާރަކު، ކޮންމެ ދުވަހަކުވެސް ބޭއްވުން އައުލާކަންބޮޑުވެގެން ވަނީ ހަތަރު އަޑުއެހުން ކަމަށެވެ. އޭރުން ދުވާލަކު 34 އަޑުއެހުން ބޭއްވޭނެ ކަމަށާއި، އެއީ ހަފުތާއަކަށް 180 އަޑުއެހުން ކަމަށްވެސް ވިދާޅުވިއެވެ.

އެކަން ކުރިއަށް ގެންދަންޖެހޭނީ ކޯޓަށް ހުށަހެޅޭ އިތުރު މައްސަލަތައް ވެސް ބަލަމުން ކަމަށާއި، އެކަން އެހެން ގެންގޮސްފިނަމަ ދެއަހަރާއި ހަމަސްދުވަސް އެކަމަށް ހޭދަވެގެންދާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.