ގިނަ ކޮންޓްރޮވާސީގައި ހިމެނޭ ބަތަލާއެއް ކަމަށްވާ ރާކީ ސާވަންތް އަށް މިފަހަރު މިލައްވާލީ ކައިވެނިކޮށްގެން އުޅޭ ކަމުގެ ތުހުމަތެވެ.
އަޑުތައް ފެތުރިފައިވާ ގޮތުގައި މިމަހު 28 ވަނަ ދުވަހު ރާކީ ވަނީ ކައިވެނި ކޮށްފައެވެ. އެކައިވެންޏަށް ހާޒިރުވީ އޭނާގެ އާއިލާ އެކަނި ކަމަށްވެސް ވެއެވެ.
އެހެން ކަމުން ރާކީ މިހާރު މިވަނީ އެކަމާ ގުޅިގެން ބަޔާނެއް ނެރެ އޭނާ ހުސްހަށިބައިކަން ހާމަކޮށްފައެވެ.
އެއާއެކު އެއްވެސް މީހާކާ ލޯބީގެ ގޮތުންވެސް ގުޅިގެން ނޫޅޭކަމަށް ރާކީ ވަނީ އޭނާގެ ބަޔާނުގައި ހާމަކޮށްފައެވެ. ރާކީ ބުނި ގޮތުގައި އޭނާގެ ވެޑިން ޑްރެސްގައި ހުރި ފޮޓޯ ތަކަކީ ފަސް ތަރީގެ ހޮޓަލެއްގައި ކުރިއަށް ދިޔަ ބްރަޑަލް ޝޫޓެއްގެ ފޮޓޯތަކެއް ކަމަށެވެ. އަދި ރާކީ ވަނީ އޭނާގެ އިންސްޓަގްރާމުގައި އެެ ޝޫޓް ތެރެއިން ބައެއް ފޮޓޯ ހިއްސާކޮށްފައެވެ.
އިއްޔެގެ ވަގުތެއްގައި އިންޑިއާގެ ބައެއް ނޫސްތަކުގައި ރާކީ ކައިވެނި ކުރިކަމުގެ ވާހަކަތައް ވަނީ ހިއްސާކޮށްފައެވެ. އަދި އޭގައި ވާގޮތުން ރާކީ ކައިވެނި ކުރީ ސިއްރުން ކަމަށާއި، އެ ކައިވެނި ކުރެވުނީވެސް ހޮޓެލްގެ ހޯލުގެ ބަދަލުގައި ކޮޓަރިއެއްގައި ކަމަށްވެއެވެ.
ރާކީ ވަނީ މިދިޔަ އަހަރު ކައިވެންޏެއްް ކުރުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން އޭނާވަނީ ކައިވެނީގެ ކާޑު ވެސް މީސް މީޑިއާގައި ހިއްސާކޮށް ކައިވެނި ކުރުމަށް ބޭރަަށް ފުރަމުން ޓިކެޓުގެ ފޮޓޯވެސް ހިއްސާކޮށްފައެވެ. ނަމަވެސް ފަހުން އެކައިވެނި ކުރެވިފައެއް ނުވެއެވެ.