ކޮމެޑީ ފިލްމު ކުޅުމަށް މަގުބޫލު ތަރިއެއް ކަމަށްވާ ގޯވިންދާ ވަނީ ޓީވީ އިންޓަވިއުއެއްގައި އޭނާ ނުކުޅެ ދޫކޮށްލި ފިލްމުތަކުގެ ނަންތައް ހާމަކޮށްފައެވެ. އެ ފިލްމު ތަކުގެ ތެރޭގައި "ތާލް"، "ގަދަރް" އަދި "ދޭވްދާސް" ހިމެނެއެވެ.
އެންމެ ހައިރާންވީ ޖޭމްސް ކެމެރޮންގެ މަގުބޫލު ހޮލީވުޑް ފިލްމު "އެވޭޓާ" ކުޅުމަށް ފުރުސްތު ލިބި އެ ފިލްމުވެސް ގޯވިންދާ ރިޖެކްޓްކުރި ކަމަށް އޭނާ ބުނި ބުނުމެވެ. އޭގެ އިތުރުން ކެމެރޮންއަށް ފިލްމަށް 'އެވޭޓާ" ގެ ނަން ކިޔަން ހުށަހެޅީވެސް އޭނާކަމަށް ގޯވިންދާ ބުނުމުންނެވެ.
ގޯވިންދާ ބުނި ގޮތުގައި އޭނާ ވަނީ ފިލްމުގެ ޑައިރެކްޓަރު ކައިރީ އެ ފިލްމު ނިންމަން ހަތް އަހަރު ނަގާނެ ކަމަށް ބުނެފައެވެ. އަދި އެ ފިލްމަކީ "އިމްޕޮސިބަލް" ކަމެއްގެ ގޮތުގައި ގޯވިންދާ ފާހަގަ ކުރި ކަމަށް އޭނާ ބުންޏެވެ.
ފިލްމު ރިޖެކްޓް ކުރީ ކީއްވެތޯ ހާމަކުރަމުން ގޯވިންދަ ބުނީ 410 ދުވަސް ވަންދެން ގައިގައި ކުލަ ހާކައިގެން ޝޫޓް ކުރަން ބޭނުން ނުވީ ކަމަށެވެ. އެހެން ކަމުން ޑައިރެކްޓަރު ކިބައިން މާފަށް އެދިފައިވާނެ ކަމަށް ވެސް އޭނާ ބުނިއެވެ.