ރީކޯ މޫސާ މަނިކް

މިރޭ ޖަލްސާގައި އާ ރައީސް އެއް ހޮވާނެ: މޫސަ

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގެ މިރެއަށް ތާވަލުކޮށްފައިވާ ޖަލްސާގައި މަޖިލީހުގެ އާ ރައީސެއް ހޮވުމުގެ މަސައްކަތް ކުރާނެ ކަމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް އެއް ހޮވުމަށް ނިންމާފައިވާކަމަށް ވިދާޅުފައިވަނީ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު މަޖިލީހުގައި މިހާރު ކުރިއަށް ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މޫސަ ވިދާޅުވީ މަޖިލީހުގެ ރައީސްކަމުން އަބްދުﷲ މަސީހު މުހައްމަދު އިސްތިއުފާ ދެއްވުމަށް ސިޓީ ފޮނުއްވާފައިވާ ކަމަށާއި އެހެންކަމުން ކުރިން މިރެއަށް އެޖެންޑާކުރެވުނު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުދާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި މިރޭ 9:15އަށް އެޖެންޑާކޮށްފައިވަނީ މަޖިލީހަށް ރައީސަކު ހޮވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އިސްތިއުފާ ދެއްވާ ކަމަށް ވިދާޅުވީ. ސަބަބެއް ބަޔާންކޮށްފައެއް ނުވޭ. މިއަދު މިއޮތީ ދެ ކަމެއް ކުރިން އެޖެންޑާކޮށްފައި. މިރޭ 8:00ގައި އެންޓި ޑިފެކްޝަން ގާނޫނާ ގުޅޭގޮތުން ވާހަކަދެއްކުމާއި މަސީހު އިތުބާރުނެތް ކަމުގެ މައްސަލަ. އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަދަލުގައި 9:15އަށް މިހާރު އެޖެންޑާކޮށްފައި މިވަނީ ރައީސަކު ހޮވުން،" މޫސާ ވިދާޅުވިއެވެ.

ރައީސް ކަމުގެ މަގާމަށް މޫސާ ކުރިމަތި ލުމާ ދޭތެރޭ ސުވާލު ކުރެއްވުމުން އޭނާ ވިދާޅުވީ އެ މަގާމަށް ކުރިމަތި ނުލައްވާނެ ކަމަށެވެ. އަދި މިރޭ ބާއްވާ ޖަލްސާގައި އާ ރައީސެއް އިންތިހާބު ކުރުމަށް ވޯޓަށް އެހުން އޮންނާނެ ކަމަށް ވެސް މޫސާ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން މަޖިލީހުގެ ރައީސް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އިންތިހާބު ކުރައްވަން ބޭނުންވާ ކަމަށް ވަނީ ކުރިން ހާމަކޮށްފައެވެ. އޭގެއިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް މީގެކުރިން ވަނީ ވިދާޅުވެފައެވެ.