ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު

ގުޅިގެން މަސައްކަތް ކުރުމަށް ޖެންޑާ މިނިސްޓްރީއާއި ގަރލް ގައިޑްސް އެސޯސިއޭޝަނުން މަޝްވަރާކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފު، ގަރލް ގައިޑްސް އެސޯސިއޭޝަންގެ އިސް ފަރާތްތަކާ މަޝްވަރާކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ޗީފް ގައިޑް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޖެންޑާ މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގައި ޗީފް ގައިޑް މެޑަމް ފަޒުނާއާއި ގަރލް ގައިޑްސް އެސޯސިއޭޝަންގެ އިސްވެރިން ވަނީ އަންހެނުންނާ ގުޅުންހުރި ކަންކަމަށް މިނިސްޓްރީން ކުރާ ކަންކަމުގައި އެއްބާރުލުން ދިނުމަށް ތިބިކަން ހާމަކުރައްވައި ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، އެފަރާތްތަކާއި މިނިސްޓަރު ސިދާތާ ބައްދަލުކުރެއްވީ، އަންހެނުންނާ ގުޅުންހުރި ދާއިރާތަކާއެކު ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ކަމަށެވެ.

ގައިޑު އެސޯޝިއޭޝަނާ ބައްދަލުކުރެއްވީ އެއީ އަންހެނުންނާ ގުޅުންހުރި ދާއިރާއަކަށް ވެފައި އެދާއިރާއިންވެސް އަންހެނުންގެ ހައްގުގައި ގުޅިގެން ކުރެވޭނެ ގިނަ ކަންކަން ހުންނާނެކަން ގަބޫލުކުރައްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.