މަޖިލިސް މެންބަރު، އަހުމަދު ތޯރިގް

ކުރީގެ ސަރުކާރުގައި މަސްވެރިން ހާލުގައި ޖެހުނީ އޭރުގެ ފިޝަރީޒް މިނިސްޓަރުގެ ސަބަބުން: ތޯރިގު

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުގައި މަސްވެރިން ހާލުގައި ޖެހުނީ، އޭރު ހުންނެވި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ ގޮތް ދޫނުކުރުމުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޖިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދުތަކެއް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމް ތަކެއް ގާއިމުކުރުމާގުޅޭގޮތުން ހުށަހަޅާފައިވާ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން، ޕީޕީއެމް މެންބަރު ތޯރިގު ވިދާޅުވީ، އެއިރަކު އޮންނަ ސަރުކާރުތަކުން މަސްވެރިން ވާވެއްދުމުގެ ބަދަލުގައި ރަނގަޅު ނިޔަތުގައި ކަންތައްތައް ކުރާނަމަ އޭގެ ރަނގަޅު ނަތީޖާ ފެނިގެންދާނެ ކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތުން ލައްކައަކަށްވުރެ ގިނަ މީހުންނަށް މަންފާ ލިބޭކަން ފާހަގަ ކުރައްވައި ތޯރިގު ވިދާޅުވީ، ރާޖޭގައި ލޭނުގެ މަސްވެރިކަމަށް ދޫކޮށްފައިވާ ހުއްދަތައް މިހާރު މިއޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، ހުއްްޓާލާފައިވާތީ އުފާކުރައްވާ ކަމަށެވެ.

ތޯރިގު ވިދާޅުވީ އެއީ މި ސަރުކާރުން ކޮށްފައިވާ ރަނގަޅުކަމެއް ކަމަށެވެ.

ކުރީގެ ސަރުކާރުން މަސްވެރިންނާ ދޭތެރެ ކަންކަން ގޮސްފައިވާގޮތް ފާހަގަ ކުރައްވައި ތޯރިގު ވިދާޅުވީ، އޭރު ބޮޑުކަންނެލީގެ މަސްވެރިކަންކުރާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، އޭރު ހުންނެވި ފިޝަރީޒް މިނިސްޓަރާ ގުޅުން އޮތް ކުންފުނިތަކަށް، ލޭނުއަޅާ ބޯޓު ފަހަރުން މަސް ކިރުވުން ކަމަށެވެ. އެކަމުގެ ސަބަބުން ދިވެހި އާއްމު މަސްވެރިން ދެދުވަސް، ތިންދުވަސް ވަންދެން ކިޔުގައި ތިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން މަސްވެރީންނަށް ހަމައަގު ނުލިބި މަސްވެރިން ހާލުގައި ޖެހުނުކަމަށް ތޯރިގު ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ، މަސްވެރިންނަށް ކަންތައްތައް ކޮށްދޭ ވާހަކަ ދައްކާއިރު، އެއީ ކޮށްދެވޭނެ ކަންތައްތަކެއްތޯ ވެސް ވިސްނަން ޖެހޭ ކަމަށެވެ.

އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަންނެލި ޖަގަހަތަކާއި ގޭދޮށު މަސް ފެކްޓްރީތަކުގެ ވާހަކަ އެމްޑީޕީން ދައްކާއިރު، މިހާރުވެސް ހުރި ބޮޑެތި މަސް ފެކްޓްރީތަކުން މަސައްކަތް ކުރަނީ ސަވައިވްވާން ކަމަށްވެސް ތޯރިގް ވިދާޅުވިއެވެ.