އިބްރާހިމް ޒަކީ
އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތައް އިތުރަށް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެ ނަންތައް ހިމެނޭ ސިޓީ މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާ ޖަލްސާއަށް އިއްވެވުމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، އެ ނަންތައް ދިރާސާ ކުރެއްވުމަށް މިނިވަން މުއްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރައްވައިފައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީގައި ހަަތަރުނަމެއް ފާހަގަ ކުރައްވާފައިވެއެވެ.
އެއީ:
1. ހުސައިން ފިޔާޒު މޫސާ
2. އަހުމަދު ފަޔާޒް
3. އަހުމަދު އާހިދް ރަޝީދު
4. ފާތިމަތު ސައުސަން
ރައީސް މަޖިލީހަށް ފޮނުއްވި ސިޓީގައި އިތުރު ފަސް ނަމެއްވެސް ހިމެނެއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ކުރިން ހުންނެވި އަބްދުލް އަޒީޒު ޖަމާލް އަބޫބަކުރުގެ މަގާމުގެ މުއްދަތު ހަމަވީ މިމަހުގެ 22 ވަނަ ދުވަހު އެވެ.