ކަނބަލުންނަށް ހާއްސަ ކޮށްގެން، "ހިޔަލަ"ގެ ނަމުގައި ވަން މީޑިއާ ގުރޫޕުން މަޖައްލާއެއް ނެރެން ފަށައިފި އެވެ.
މި މަޖައްލާގެ ފުރަތަމަ އަދަދު ނެރުނީ އިއްޔެ ވަން މީޑިއާ ގުރޫޕުގެ އޮފީހުގައި އެކަމަށް ޓަކައި ބޭއްވި ކުޑަ ހަފުލާއެއްގަ އެވެ. "ހިޔަލަ" ނެރެން ނިންމާފައި ވަނީ މަހަކު އެއްފަހަރު އެވެ. މި މަޖައްލާގައި ދިވެހި އަދި އިނގެރޭސި ބަހުން ލިޔުންތައް ހިމަނާފައިވެ އެވެ.
"ހިޔަލަ" މަޖައްލާގެ ފުރަތަމަ އަދަދުގެ "ކަވަރު ސްޓޯރީ"އެއްގެ ގޮތުގައި ހިމަނާފައި ވަނީ މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އައިޝަތު ނަހުލާގެ ހާއްސަ އިންޓަވިއުއެކެވެ. މީގެ އިތުރުން ކަނބަލުންނާ ގުޅުން ހުރި ތާރީޚީ ލިޔުންތަކާއި ކަނބަލުންގެ ޚިދުމަތުގެ ދާއިރާތަކާ ގުޅޭ ލިޔުންތައް މި އަދަދުގައި ހިމަނާފައިވެ އެވެ.
"ހިޔަލަ" މަޖައްލާގެ އެޑިޓަރު މިންހާ ފާއިޒް ރަޝާދު (މިންނު) ވިދާޅުވީ، ކަނބަލުންނަށް ހާއްސަ މަޖައްލާއެއް ނެރުމުގެ މަގުސަދަކީ އެ ކަނބަލުން ބާރުވެރިކޮށް އެ މީހުންގެ އަޑު ގައުމީ ފެންވަރުގައި އުފުލައިދީ އެކި ރޮނގުރޮނގުން ކުރިޔަށް ދިޔުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތްކުރުން ކަމަށެވެ.
"މި ވަގުތު މި ފަދަ އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ނުކުންނަމުންނެއް ނުދޭ. އެހެންވެ އަޅުގަނޑުމެންނަށް ވިސްނުނީ ހަމައެކަނި ކަނބަލުންނަށް ހާއްސަކޮށްގެން މަޖައްލާއެެއް ނިކުންނަން އެބަޖެހޭ ކަމަށް. އޭރުން މިހާރަށްވުރެން ބޮޑަށް އެ ކަނބަލުންގެ އަޑު އުފުލައިދެވޭނެ. އެ ކަނބަލުންގެ ހިދުމަތްތަކުގެ އަގު ވަޒަން ކުރެވޭނެ. މި ކަންކަމުގެ ސަބަބުން މީހުންގެ ވިސްނުމަށް ވެސް ބަދަލުތަކެއް ގެނެވޭނެ. އަދި ކަނބަލުންނަށް އިތުރު ފުރުސަތުތައް ލިބުމަށް މަގުފަހިވެގެން ވާނެ." މިންނު ވިދާޅުވި އެވެ.
"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި މިންނު ވިދާޅުވީ އަންހެނުންނާ ގުޅުން ހުރި އެކި ދާއިރާތަކުން "ހިޔަލަ" އަށް ލިޔުއްވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ.
"ހިޔަލަ" އަކީ ވިއްކާ އެއްޗެއް ނޫން. މި މަޖައްލާގެ ކޮންމެ އަދަދެއް ވެސް ހުސްވާންދެން ހިލޭ ލިބޭނެ. އެހެންވީމަ ލިޔުއްވާން ބޭނުންފުޅު ފަރާތްތަކަށް ވެސް އަޅުގަނޑުގެ އެދުމަކީ ގައުމީ ކަމެއްގެ ގޮތުގައި ހިލޭ ސާބަހަށް އެކަން ކޮށްދެއްވުން. މިފަދަ ކަންކަން ހިލޭ ސާބަހަށް ކުރުމުގެ ވިސްނުން އަޅުގަނޑުމެން އިސްކުރާން އެބަޖެހޭ." މިންނު ވިދާޅުވި އެވެ.
"ވަން މީޑިއާ ގުރޫޕް"ގެ ކުޑައިގެން ދަށުން "ހިޔަލަ" މަޖައްލާ ނެރެން ފެށި އިރު، އޮންލައިން ދެ ނޫސް ވެސް އަންނަނީ ހިންގަމުންނެވެ. އެއީ ވަން އޮންލައިން ދިވެހި އެޑިޝަން އަދި އިންޓަނޭޝަނަލް އެޑިޝަން އެވެ.