ބަތަލާ މަލައިކާ އަރޯރާ އާއި ބަތަލު އަރްޖުން ކަޕޫރު ގުޅިގެން އުޅޭކަން އެނގުނު ހިސާބުން ފެށިގެން ގިނަ ބަޔަކު ދަނީ މަލައިކާއަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.
އަރްޖުން މަލައިކާ އަށްވުރެ އުމުރުން ހަގެވެ. އަދި މަލައިކާ އާއި އަރްބާޒްގެ ކައިވެނި ރޫޅިފައިވަނީވެސް އަރްޖުންއާ ލޯބީގެ ގޮތުން ގުޅުމުން ކަމަށް އަޑު ވނީ އަރައިފައެވެ. މަލައިކާގެ އުމުރުން 45 އަހަރުވެފައިވާއިރު އޭނާއާއި އަރްބާޒުގެ ދަރިފުޅަށް މިހާރު 16 އަހަރު ވެއްޖެއެވެ.
މަލައިކާ އަދި އަރްޖުންވެސް ވަނީ ފާޅުގައި އެމީހުންގެ ގުޅުން ހާމަކޮށް އެގުޅުން ދިފާއުވެސް ކޮށްފައެވެ. އަދި މަލައިކާގެ ދަރިފުޅުވެސް އެމީހުންގެ ގުޅުން ބަލައިގެންފައިވާ ކަމަށް މީގެ ކުރީން މަލައިކާ ވަނީ ބުނެފައެވެ.
އެގޮތުން މަލައިކާ ބުނި ގޮތުގައި ލޯބީގައި ކޮންމެ މީހަކަށްވެސް ދެވަނަ ފުރުސަތެއް ލިބެން ޖެހޭނެ އެވެ. އަދި މީހުންގެ ވިސްނުންވެސް މި މައްސަލައިގައި ފުޅާކުރަން ޖެހޭކަމަށް މަލައިކާ ވަނީ ބުނެފައެވެ.
މަލައިކާ ބުނި ގޮތުގައި އިންޑިއާގައި އަންހެނަކު ދެވަނަ ފަހަރަށް މީހަކާ ގުޅިއްޖެ ނަމަ އަދިވެސް ވަނީ ވަރަށް ބޮޑު ކަމަކަށެވެ. ޕަބްލިކް މީހަކަށްވުމުން އެންމެންވެސް ޒާތީ ކަންކަމާ ބެހޭނެ ކަން އޭނާއަށް އެނގޭ ކަމަށާއި އެހުރިހާ ކަމެއް ގަބޫލު ކޮށްގެން ނޫނީ ތަރިއެއްގެ ގޮތުގައި ނޫޅެވޭނެކަމަށް ވެސް އޭނާވަނީ ބުނެފައެވެ.
މަލައިކާ އިތުރަށް ބުނީ މީހުން ދައްކާ ވާހަކަތަކަށް ސަމާލުކަން ނުދޭ ކަމަށާއި، އޭނާގެ ދިރިއުޅުން ބައްޓަން ކުރަން އެނގޭނީ އޭނާއަށް ކަމަށެވެ.
މަލައިކާ ވަނީ މިއަހަރު އަރްޖުންއާއެކު ޗުއްޓީއަށް ރާއްޖެވެސް އައިސްފައެވެ.