ބޮލީވުޑް

ސާހޯގެ އެކްޝަން ސީންތަކަށް ބައިނަލް އަގްވާމީ ޑައިރެކްޓަރުން

ސާހޯ އަކީ ފަހަކަށްއައިސް ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް ފިލްމެވެ.

ފިލްމުގެ ލީޑު ރޯލުން ފެނިގެން ދަނީ ޕްރަބާސް އާއި ޝްރައްދާ ކަޕޫރެވެ. ސާހޯގެ ލަވައެއްގެ ޓްރެއިލާ ރިލީސްކުރުމާއެކުވެސް އެއަށް ގިނަ ބަޔަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

އެކްޝަން ފިލްމު، ސާހޯގެ އެކްޝަން ސީންތަކަށް ބައިނަލްއަގްވާނީ ޑައިރެކްޓަރުން ހޯދާފައިކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ސީންތައް ޝޫޓް ކޮށްފައިވެސް ވަނީ ދުބާއީ އާއި އިޓަލީގައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަބޫދާބީގައި ޝޫޓްކޮށްފައިވާ ސީންތައް ޑައިރެކްޓްކޮށްފައިވަނީ އެކްޝަން ޑައިރެކްޓަރެއް ކަމަށްވާ "ޕެން ޒެންގް" އެވެ. އެ ސީން ޝޫޓްކޮށްފައިވަނީ 10 އޭކަރުގެ އާޓިފިޝަލް ހަނަފަސް ސަހަރާއެއް ސެޓްގައި ހެދުމަށްފަހުއެވެ. އެ ސީންގައި ޕްރަބާސްއަށް ޖެހެނީ 100 މީހުނާ ތަޅަންށެވެ.

ބައިނަލްއަގްވާމީ ޑައިރެކްޓަރެއް ކަމަށްވާ "ކެނީ ބޭޓްސް" ވެސް ވަނީ މި ފިލްމުގައި ސީންއެއް ޑައިރެކްޓްކޮށްފައެވެ. އިޓަލީގައި ޝޫޓްކޮށްފައިވާ އެ ސީންގައި ހެލިކަޕްޓަރު ސްޓަންޓެއް ހިމެނެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިންޑިއާގައި ކުރަން ޖެހޭ ބައެއް ޝޫޓްކުުރުމަށް ބޭނުންވާ ހުއްދަތައް ނުލިބި ލަސްވާތީ ކްރޫ ޔޫރަޕަށް ފުރީއެވެ. އަދި ސީންގައި ބޭނުންކޮށްފައިވަނީ އިޓަލީގެ މިލިޓަރީ ހެލިކަޕްޓަރެކެވެ.

މި ފިލްމުގެ މުހިންމު ރޯލުތަކުން ޖެކީ ޝްރޮފް، ނީލް ނިތިން މުކޭޝް، މަންދިރާ ބޭދީ އަދި ޗަންކީ ޕާންޑޭ ވެސް ފެނިގެންދާނެއެވެ.

ފިލްމު ރިލީސް ކުރަނީ އަންނަ މަހު 30ގައެވެ.