ޝަހީދާ އަބްދުﷲ ސައީދު
އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުތަކުގެ ނަތީޖާ އިއުލާން ކުރަނީ ރައްޔިތުން ވޯޓް ދޭ ގޮތަކަށް، ކަމަށާއި ތަންތަނަށް އެއްވާ މީހުންގެ އަދަދަށް ބަލައިގެން ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވެއްޖެއެވެ.
އީސީގެ މެންބަރު އަދި އެކޮމިޝަނުގެ ތަރުޖަމާނު އަކުރަމް މިއަދު ކުރެއްވި ޓުވީޓުގައި ވަނީ އެ ކޮމިޝަނުގެ މަސައްކަތާ މެދު ރައްޔިތުންގެ ހިތްތައް ހަރާބު ކުރަން މަސައްކަތް ނުކުރެއްވުމަށް ސިޔާސީ ފަރާތްތަކަށް ގޮވާލައްވައިފައެވެ.
އީސީން މިހެން ބުނެފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން އަދިވެސް ވަރަށް ދަތި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނިކޮށެވެ.
ރައީސް ޔާމީންގެ އެވާހަކަފުޅާއި ގުޅިގެން އަކުރަމް ވިދާޅުވެފައިވަނީ ސިޔާސީ މަންފާ ހޯދުމަށް އީސީ ބަދުނާމްވާގޮތަށް ބުހުތާނު ދޮގު ހެދުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
ރައީސް ޔާމީންގެ އެވާހަކަފުޅަށް ރައްދު ދެއްވައި އީސީގެ ރައީސް އަހުމަދު ޝަރީފު ކުރެއްވި ޓުވީޓެއްގައި ވަނީ އެއީ ކުރުވާހަކަ މުބާރާތުގައި ބައިވެރިކުރަން ރަގަޅު ވާހަކައެއް ކަމަށެވެ.