ޝެއިޚް އިމްރާން

ޝެއިޚް އިމްރާނުގެ ޖަލު ހުކުމް ތަންފީޒުކުރުން ލަސްކުރަން އަމުރުކޮށްފި

އަދާލަތު ޕާޓީގެ ރައީސް އައްޝައިޚު އިމްރާން އަބްދުﷲގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި 12 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ހުކުމް ތަންފީޒުކުރުން ފަސްކޮށް، ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނީ އިމްރާންގެ ފަރާތުން އެމައްސަލަ އަލުން ބަލައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ. ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އެމައްސަލައިގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން، އިމްރާންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށާއި، އެހުކުމް ތަންފީޒުކުރުމުގެ ގޮތުން އިމްރާންއާ މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

އަދި އިމްރާން ދޫކޮށްލުމަށް ނިންމީ ގާނޫނު އަސާސީގެ 56 ވަނަ މާއްދާ އާއި، 68 ވަނަ މާއްދާ އާއި، ކޯޓުތަކާއި ބެހޭ ގާނޫނުގެ 77 ވަނަ މާއްދާ އާއި، އެގާނޫނުގެ 20 ވަނަ މާއްދާގެ އިތުރުން ސުޕްރީމް ކޯޓަށް ލިބިދޭ ގާނޫނީ ބެލެނިވެރިކަމުގެ އިހުތިސާސްގެ މައްޗަށް ރިއާޔަތްކޮށް، ގާނޫނު އަސާސީގެ 141 ވަނަ މާއްދާއާއި ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ ދަށުން ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.

އިމްރާން ދޫކޮށްލުމުން އިސްލާހީ ހަރަކާތުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ހަތަރު ބޭފުޅުން މިނިވަންވެގެންދިޔައީ އެވެ.

އިމްރާން ދޫކޮށްލުމަށް މިއަދު އަމުރުކުރި އިރު، 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް މިއަދު ވަނީ ރާއްޖެ ވަޑައިގެންފައެވެ. ނަޝީދު ރާއްޖެ ވަޑައިގަތް އިރު އެމަނިކުފާނުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލުހުކުމް އަލުން ބަލައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެމަނިކުފާނުގެ ހުކުމް ވެސް ތަންފީޒް ކުރުން ފަސްކޮށް ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީގެ ކުރީން ވަނީ ދައުލަތުން ގާސިމް އިބްރާހީމްގެ މައްޗަށް އުފުލި ރިޝްވަތު ހުށަހެޅުމުގެ ދައުވާ ބާތިލުކޮށް، ހައިކޯޓުން އޭނާ ވަނީ މިނިވަންކޮށްފައެވެ. އަދި ކުރީގެ ރައީސް މައުމޫންގެ މައްޗަށް އިއްވި ޖަލު ހުކުމް ވެސް ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ.