ދެހާސް ތޭވީސް ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހޯސްޓު ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބުމަކީ ކުޑަ ކުޑަ ކަމެއް ނޫން ކަމަށާއި، އެއީ ވަަރަށް ބުރަ މަސައްކަތުން ކުރެވުނު، ބޮޑު ކަމެއް ކަމަށް ޔޫތު މިނިސްޓަރ އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެހެން ވިދާޅުވީ އިންޑިއާ ކަނޑުގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ފޯރި ގަދަ ކުޅިވަރު މުބާރާތް ހޯސްޓު ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބުމާއި ގުޅިގެންނެވެ.
"2023 އަންނައިރު، އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ގާތްގަނޑަކަށް 3،500 އެއްހާ އެތުލީޓުން އަޅުގަނޑުމެން ހޯސްޓު ކުރަން ޖެހޭނެ. އެހާތަނަށް ދާއިރު ލަންކާ މި ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް ބޮޑުކޮށް މިއޮތީ" މިނިސްޓަރ މަހުލޫފު ވިދާޅުވިއެވެ.
ޔޫތު މިނިސްޓަރު އިތުރަށް ވިދާޅުވީ، އައިއޯއައިޖީ ހޯސްޓު ކުރަން ފުރުސަތު ލިބުމަކީ ރާއްޖޭގެ ކުޅިވަރު އިންފްރާސްޓްރަކްޗަރ ކުރިއަރުވަން އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިހާތަނަށް އައިއިރު ކުޅިވަރުގެ ދާއިރާއިން ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އައިއޯއައިޖީ ހޯސްޓު ކުރުމުގެ ފުރުސަތު ލިބުމާއެކު، އެ މުބާރާތުގައި ބައިވެރިވާނެ އެތުލީޓުން ތަމްރީން ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަަށްވެސް މަހުލޫފު ވިދާޅުވިއެވެ.