ދެހާސް ތޭވީސް ވަނަ އަހަރުގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިގެން ދިއުމަކީ ރާއްޖޭގެ ކުޅިވަރަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
އައިއޯއައިޖީ ހޯސްޓު ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބުމާ ގުޅިގެން މިނިސްޓަރ މަހުލޫފު ވަނީ، އެއީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
މިނިސްޓަރ ވަނީ ރާއްޖެއަށް އެ ފުރުސަތު ހޯދައިދިނުމަށް ކުރެއްވި މަސައްކަތަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއަށް ޝުކުރު ދަންނަވައިފައެވެ.
"އެންމެ ފުރަތަމަ ދުވަހުން ފެށިގެން މި ގޭމްސް ބޭއްވުމަށްޓަކައި ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން ހަގީގަތުގައި މަސައްކަތް ކޮށްދެއްވި. އަދި އަޅުގަނޑާއި އަބްދުﷲ ޝާހިދު ސްޕެޝަލް އެންވޯއީންގެ ގޮތުގައި ގައުމުތަކަށް ފޮނުއްވި" އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ހޯދަން ރައީސް ކުރެއްވި މަސައްކަތްޕުޅަށް ތައުރީފު ކުރައްވަމުން މަހުލޫފު ވިދާޅުވިއެވެ.
މަހުލޫފު ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު މަރުޒޫގު ކުރެއްވި މަސައްކަތްވެސް ފާހަގަ ކުރައްވައި އޭނާއަށް ޝުކުރު ދަންނަވައިފައެވެ. މަހުލޫފު ވިދާޅުވި ގޮތުގައި އެކި ގައުމުތަކުގެ ވޯޓު ހޯދަން އޭނާވެސް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަކީ، އިންޑިއާ ކަނޑުގެ ގައުމުތަކުގެ މެދުގައި ބާއްވާ ވަރަށް ވާދަވެރި މުބާރާތެކެވެ.
ދެހާސް ތޭވީސްވަނަ އަހަރު އެ މުބާރާތް ބާއްވާ ގައުމަކަށް ރާއްޖެ ހޮވިފައި ވަނީ މިއަދު ހެނދުނު މޮރިޝަސްގައި ބޭއްވި ކޯޖީގެ ކައުންސިލު ބައްދަލުވުމުގައި ނެގި ވޯޓުންނެވެ.
އެ ވޯޓުގައި، ރާއްޖެއަށް ހަތަރު ގައުމަކުން ވޯޓު ދިނެވެ. ރާއްޖެ ފިޔަވައި ދެން ވާދަކުރި ކޮމޮރޮސްއާއި، މަޑަގަސްކަރައަށް ލިބުނީ އެންމެ ވޯޓެކެވެ.