ޕޮލިސް

އަދީބުގެ ވަކީލު ސިރާޖުގެ އެޕާޓްމަންޓް ފުލުހުން ފާސްކޮށްފި

ތުހުމަތެއްގައި ރޭ ހައްޔަރުކުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްގަފޫރުގެ ގާނޫނީ ވަކީލު މޫސާ ސިރާޖް ދިރިއުޅުއްވާ އެޕާޓްމަންޓް، ފުލުހުން ފާސްކޮށްފިއެވެ.

ސިރާޖް ދިރިއުޅުއްވާ ގ. ހުމަށީގެ ނުވަވަނަ ފްލޯ، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރީ ސިރާޖުގެ ހާޒިރުގައެވެ. އެ އެޕާޓްމަންޓުގައި ސިރާޖުގެ އިތުރުން ދެން ދިރިއުޅުއްވަނީ އޭނާގެ އަނބިކަނބަލުންނެވެ.

ފުލުހުން އެ އެޕާޓްމަންޓް ބަލައި ފާސްކުރުމަށްފަހު ގެންގޮސްފައިވަނީ ހާޑް ޑްރައިވަކާއި ޕެން ޑްރައިވެއް އަދި ލިޔެކިޔުންތަކެކެވެ. އެ އެޕާޓްމަންޓް ފާސްކޮށްފައިވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހެކި ހޯދުމަށް ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

މިއަދު މެންދުރުފަހު 3:00ގައި ސިރާޖުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. ފުލުހުން ރޭ ސިރާޖު ހައްޔަރުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖިނާއީ ކުށެއް ކުރި ކަމަށް ތުހުމަތުކުރެވޭ ގޮތަށް އަދީބާ ހަވާލާދީ ވާހަކަތަކެއް ފަތުރަމުންދާ ކަމުގެ ތުހުމަތުގައެވެ.

ސިރާޖު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވަނީ ރައީސް ޔާމީނާއި އެހެން ބަޔަކު ޖިނާއީ ކުށެއް ކުރިކަމަށް ބެލެވިދާނެ އަމަލުތަކެއް ކުރިކަމަށް އެފަރާތްތަކަށް ނިސްބަތްކޮށް، އަދީބާ ހަވާލާދީ ސިރާޖު ނޫސްބަޔާންތަކެއް ނެރެ، ސާބިތު ނުހިފޭ ދޮގު ހަބަރުތަކެއް ދައުލަތުގެ އާންމު އިދާރާތައް ހިމެނޭހެން އާންމުކޮށް ޝާއިއުކޮށް، ރިޕޯޓް ކުރަމުންދިއުމާއި ހަޑި ހުތުރު ބަހުން ލިޔުން ތައްޔާރުކޮށް ފަތުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

ދާދި ފަހުން އަދީބު ނެރުނު ރިޕޯޓްތަކުގައި ރައީސް ޔާމީންގެ ކޮރަޕްޝަނާއި ސިހުރުވެރިކަމާ ގުޅޭ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ.