ހުތުބާ

ހައްޖުގެ މަނާސިކުތައް ރަނގަޅުގޮތުގައި އަދާކުރުމުގެ ބުރަ އުފުލައިފި މީހަކަށް އެ ލިބެނީ ވަރުގަދަ ތަމްރީނެއް: ހުތުބާ

ހައްޖުގެ މަނާސިކުތައް ރަނގަޅުގޮތުގައި އަދާކުރުމުގެ ބުރަ އުފުލައިފި މީހަކަށް އެ ލިބެނީ ވަރުގަދަ ތަމްރީނެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ހައްޖުގެ މަނާސިކުތައް އަދާކޮށް، އެކަލާނގެ ޝައާއިރުތައް މަތިވެރިކޮށްފި މީހަކަށް ހުރިހާ ވަގުތެއްގައި އަދި ހުރިހާ ތަނެއްގައި ވެސް ﷲގެ އަމުރުފުޅުތަކަށް އިޖާބަ ދިނުން ބުރަ ކަމަކަށް ނުވާނެ ކަމަށެވެ.

"އިހުރާމް ބަނުމުގެ ކުރިން އޭނާއަށް ހުއްދަ ވެގެންވީ ކަންތައްތަކެއް އިހުރާމް ބަނުމުގެ ސަބަބުން ހަރާމްވެއެވެ. އޭނާގެ ނަފުސަށް މި ކަންތައްތައް މަނާކުރެވުނު މީހާއަށް އޭނާގެ ހަޔާތުގެ ރާސްތާގައި ﷲ ހަރާމް ކުރައްވާފައިވާ ކަންތައްތަކާ ދުރުހެލިވެވޭނެއެވެ. ހައްޖުވެރިޔާ ހައްޖުގެ އެއް ނުސުކުން އަނެއް ނުސުކަށް ނަގުލުވާ ނަގުލުވުމަކީ، ދުނިޔެވީ ހަޔާތުގެ ދުވަސްތަކުގައި އެއް ކިމަންތެރިކަމުން އަނެއް ކިޔަމަންތެރިކަމަށް ނަގުލުވާ ނަގުލުވުންތައް ހަނދުމަކޮށްދޭނެ ކަމެކެވެ. ހައްޖުވެރިޔާ އޭނާގެ އަޒުމު ވަރުގަދަކޮށް، ހިތްނިޔަތް ހާލިސްކޮށް، ހެޔޮ ރަނގަޅުގޮތުގައި މަނާސިކުތައް އަދާކުރުމުގެ ބުރަ އުފުލައިފި ނަމަ އޭނާއަށް އެ ލިބުނީ ވަރުގަދަ ތަމްރީނެކެވެ. މިގޮތަށް ހައްޖުގެ މަނާސިކުތައް އަދާކުރެވުމުން ހައްޖުވެރިޔާއަށް ހިތްހަމަޖެހުން ލިބޭނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ހައްޖަކީ އެހެނިހެން އަޅުކަންތަކާ ހިލާފަށް ވަރަށް ބުރަ އަޅުކަމެއް ކަމަށާއި އެއީ ތިމާގެ ޖާނާއި މުދާ ހޭދަކުރަން ޖެހޭ ކަމެއް ކަމަށެވެ. އެ އަޅުކަމުގައި ބައިބޯކަމާއި ކާރޫބާރު ބޮޑުކަން ހިމެނޭ ކަމަށާއި އެހެންވުމުން ކެތްތެރިކަމާއި ހުޝޫއަތްތެރިކަމާއި މަޑުމައިތިރިކަމަށް ބޭނުންވާ ކަމަށެވެ.

"ހައްޖަކީ ގުނާ އަދަދު ކުރެވޭ މަދު ދުވަސްކޮޅެއްގައި ކުރެވޭ އަޅުކަމެކެވެ. ހައްޖު މޫސުމުގައި ﷲ ހަނދުމަކޮށް ތަކުބީރު ކިޔައި އަޅުކަމަށް އަންގަވާފައި ފަދައިން ތިމާގެ މުދާ ހޭދަކުރުމަށް ފަހު ތިމާގެ އަހުލުވެރިންނާއި ވަޒަން ދޫކޮށް މައްކާއަށް ގޮސް އަޅުކަމުގައި މަސްއޫލުވެ، އެކަމުގައި ހައްޖާޖީން ވަގުތު ހޭދަކުރެއެވެ. އެކަލާނގެ ގެފުޅުގައި ޠަވާފުކުރެއެވެ. ރޭގަނޑާއި ދުވާލުގެ ވަގުތުތައް އަޅުކަމަށް ހުސްކުރެއެވެ. ދަމު ނަމާދާއި ޟުހާ ނަމާދު ކުރެއެވެ. ޒިކުރު ކުރުމާއި ގުރުއާން ކިޔެވުމުގައި ވަގުތު ހޭދަކުރެއެވެ. ހައްޖު މޫސުމުގެ މި މަދު ދުވަސްކޮޅުގައި އަޅުކަމުގައި ހީވާގިވެ، ހަރަކާތްތެރިވެއެވެ. އެއީ ހައްޖުގެ އަޅުކަމަށް ގޮސް ތިބޭ ހައްޖުވެރިންގެ އަމަލުތައް ހުރި ގޮތެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވާ ގޮތުގައި ހައްޖުގެ އަޅުކަމުގައި މާތްﷲ ލައްވާފައިވާ ޝަރީއަތަކުން ކަށަވަރުވެ އެނގޭ އެއް ހަގީގަތަކީ ހައްޖަކީ އިންސާނާގެ ދުނިޔަވީ ހަޔާތުގެ ކުޑަކުޑަ ދަތުރެއްކަމެވެ.