ޝަހީދާ އަބްދުﷲ ސައީދު
ޑީއާރުޕީއަކީ އެންމެ ބޮޑު ޕާޓީ ކަމަށާއި އެޕާޓީއަކީ ގިނަ އިންތިހާބުތަކެއް ކާމިޔާބުކޮށްފައިވާ ޕާޓީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިއަދު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ޑީއާރުޕީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށެވެ.
އަދި އެޕާޓީން މީގެކުރިން ގިނަ އިންތިހާބުތަކެއް ކާމިޔާބުކޮށްފައިވާ ކަމަށާއި 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ ޑީއާރުޕީން ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވަނީ ރާއްޖޭގެ ރައްޔިތުންގެ އިތުރުން ހާއްސަކޮށް ކާށިދޫ ދާއިރާގެ ހުރިހާ ރައްޔިތުން ޑީއާރުޕީއަށް ސޮއިކުރުމަށްވެސް ގޮވައިލައްވާފައެވެ.
ޖާބިރު ވިދާޅުވީ ޑީއާރުޕީ އޮތީ ނިދާފައި ނޫން ކަމަށާއި ޕާޓީ ހިންގުމުގެ ނިޒާމަށްވެސް ބަދަލުތަކެއް އައިސްފައި ނުވާ ކަމަށެވެ. ހަމައެކަނި ބަދަލު އައީ ލީޑާޝިޕަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޑީއާރުޕީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީކަމަށް ޖާބިރު ވިދާޅުވި ނަމަވެސް 26 މެއި 2019 ގެ ނިޔަލަށް އެޕާޓީގައި ތިބީ 2870 މެންބަރުންނެވެ. އެހެންކަމުން 30،000 މެންބަރުން ހަމަނުވާ ޕާޓީތަކުގެ ތެރޭގައި ޑީއާރުޕީ ހިމެނެއެވެ.
އަދި ފާއިތުވި ދުވަސްތަކުގައި ޑީއާރުޕީން ގިނަ އިންތިހާބުތައް ކާމިޔާބު ކުރި ކަމަށް ޖާބިރު ވިދާލުވި ނަމަވެސް އެޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ ހަމައެކަނި 2009 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ. އެ އިންތިހާބުގައި ޑީއާރުޕީން 28 ގޮނޑި ކާމިޔާބު ކުރިއެވެ. ޑީއާރުޕީއާ އެންމެ ގާތުން ވާދަކުރި އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 26 ގޮނޑިއެވެ.
އެފަހަރުގެ އިންތިހާބުގައި ޕީއޭއަށް ހަތް ގޮނޑި އަދި ގައުމީ ޕާޓީއަށް ދެ ގޮނޑި އަދި ޖުމްހޫރީ ޕާޓީއަށް ކާމިޔާބު ކުރެވުނީ އެއް ގޮނޑިއެވެ. މިނިވަން މެންބަރުންގެ ގޮތުގައި 13 މެންބަރުން އިންތިހާބު ކުރެވުނު އިރު، އޭގެ ތެރެއިން ބައެއް މެންބަރުން ފަހުން ވަނީ ޑީއާރުޕީއަށް ސޮއިކުރައްވާފައެވެ.
އަދި އޭގެ ފަހުން މިހާތަނަށްވެސް ޑީއާރުޕީއަށް އިންތިހާބުން ކުރި ލިބިފައެއް ނުވެއެވެ. ޑީއާރުޕީގެ ޒައީމް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެޕާޓީގެ ލީޑާޝިޕް ތަސްމީން އަލީއާއި ހަވާލުކުރެއްވިތާ މާގިނަ ދުވަސްތަކެއް ނުވެ، ޕާޓީގެ ލީޑާޝިޕްގައި އުފެދުނު ހިޔާލުތަފާތުވުންތަކާއެކު ލީޑާޝިޕްގެ އިސް ބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން ޕާޓީން މެންބަރުން މަދުވާން ފެށިއެވެ.
އޭގެ ފަހުން ޕީޕީއެމް އުފެއްދުމާއެކު ޑީއާރުޕީގައި ތިބި މެންބަރުން ޕީޕީއެމްއާ ގުޅި، ޑީއާރުޕީން މެންބަރުން މަދުވަމުން ގޮސް މިހާރު އެޕާޓީގައި ތިބީ 2870 މެންބަރުންނެވެ.