ޝަހީދާ އަބްދުﷲ ސައީދު
2023 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ ޑީއާރުޕީން ކަމަށް އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވީ ޑީއާރުޕީގެ 14 ވަނަ އަހަރީ ދުވަހާ ގުޅިގެން ހެޔޮއެދުންތައް ޕާޓީގެ މެންބަރުންނަށް އަރިސްކުރައްވައި ދެއްވި ހާއްސަ މެސެޖުގައެވެ. ޑީއާރުޕީގެ އަހަރީ ދުވަހަކީ ޖުލައި މަހުގެ 21 ވަނަ ދުވަހެވެ. އެޕާޓީ އުފެއްދީ 21 ޖުލައި 2005 ގައެވެ.
މެންބަރުންނަށް އިލްތިމާސްކުރައްވައި ޖާބިރު ވަނީ ކުރިއަށް ދުވަސްތަކުގައި ޕާޓީ ރުކުރުވާލައި 2023 ގައި ރައީސުލްޖުމްހޫރިއްޔާގެ ގޮނޑި އެޕާޓީން ކާމިޔާބުކުރާނެ ކަމަށް ވިދާޅުވެފައެވެ.
ޖާބިރު ވަނީ ކާށިދޫ ދާއިރާގެ ހުރިހާ ރައްޔިތުން ޑީއާރުޕީގެ މެންބަރުންގެ ގޮތުގައި ތިބުމަށްވެސް އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން ޑިއާރުޕީއަކީ ހަަރުކަށި ވިސްނުން ގެންގުޅޭ ޕާޓީއެއް ނޫން ކަމަށާއި ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ކުރުމަށް އަބަދުވެސް ބާރު އަޅާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންގެ ޖީބަށް ބަރުވާނެ ގޮތްތައް ބަލައިގެން މަޖިލީހުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޑީއާރުޕީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީކަމަށް ޖާބިރު ވިދާޅުވި ނަމަވެސް 26 މެއި 2019 ގެ ނިޔަލަށް އެޕާޓީގައި ތިބީ 2870 މެންބަރުންނެވެ. އެހެންކަމުން 30،000 މެންބަރުން ހަމަނުވާ ޕާޓީތަކުގެ ތެރޭގައި ޑީއާރުޕީ ހިމެނެއެވެ.